މިޞްރު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރު، ހިޒް އެކްސަލަންސީ ޢާދިލް އިބްރާހީމް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް ވަދާޢީ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅު ފާހަގަކުރައްވާފައިވެއެވެ. އަދި ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ ރަޙުމަތްތެރިކަމުގެ އަގުވަޒަންކުރައްވައި، ޚާއްޞަކޮށް މިޞްރުގެ ސަރުކާރުން ދިވެހި ދަރިވަރުންނަށް ދެއްވާ މަތީ ތަޢުލީމުގެ ސްކޮލަރޝިޕްގެ ފުރުޞަތުތަކަށާއި، މިޞްރުގެ ޞިއްޙީ ދާއިރާގެ ބޭފުޅުން ރާއްޖޭގައި ކުރައްވާ ޚިދުމަތްތަކަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ ޤައުމުގެ ސަރުކާރަށް ޝުކުރުއަދާކުރައްވާފައެވެ.

އަދި މިޞްރާ ގުޅިގެން މަސައްކަތްކުރެއްވުމުގެ ޢަޒުމުގައި ހުންނެވިކަން ހާމަކުރައްވައި އެމަނިކުފާނު ވަނީ، ޘަޤާފީ ދާއިރާއާއި، ފަތުރުވެރިކަމުގެ ދާއިރާ އާއި، ތަޢުލީމީ ދާއިރާ އާއި، ސަލާމަތީ އަދި ދިފާޢީ ދާއިރާއިން ދެ ޤައުމުން އެކުގައި މަސައްކަތްކުރުންމަތީ ދެމި ތިބޭނޭކަމުގެ ޔަޤީންކަން އޮތްކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ ރާއްޖެ އާއި މިޞްރާ ދެމެދު އޮތް ޒަމާންވީ ރަޙުމަތްތެރި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދެ ފަރާތުންވެސް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.