ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް، ކެނެޑާގެ ބޮޑުވަޒީރުގެ ފަރާތްޕުޅުން ކޮމަންވެލްތަށް ކަނޑައަޅުއްވާފައި ހުންނަވާ ސްޕެޝަލް އެންވޯއި، ހިއުގް ސެގަލް، މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ސިޔާސީ މަސްރަޙު މިހާރު އޮތް ގޮތާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި މިއަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބާގުޅޭ މަސައްކަތްތައް ކުރިއަށްދާގޮތުގެ މަޢުލޫމާތު، ކޮމަންވެލްތުގެ ސްޕެޝަލް އެންވޯއިއަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އަދި ކޮމަންވެލްތުގެ ފަރާތުން ރާއްޖެއަށް ދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

ކޮމަންވެލްތު ސްޕެޝަލް އެންވޯއިގެ ވާހަކަފުޅުގައި ރާއްޖެއަކީ، ޒަމާނީ އިސްލާމީ ޑިމޮކްރަސީގެ ނަމޫނާ ޤައުމެއް ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ނިންމުންތަކަށް އަބަދުވެސް ޙުރްމަތްތެރިކޮށް ހިއްތަވާނެ ކަމަށް ވިދާޅުވެ، ރާއްޖެއިން ބޭނުންވާ ކަންކަމުގައި ކޮމަންވެލްތުގެ ފަރާތުން ވެދެއްވެން އޮތް އެހީތެރިކަމަކާއި އެއްބާރުލެއްވުމެއް ދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.