އަރތް އަވަރ ފާހަގަކުރުމަކީ، ދެން އަންނަން އޮތް ޖީލުތަކަށް، އަޅުގަނޑުމެންގެ ހަކަތަ ރައްކާތެރިކުރުމަށްޓަކައި އަޅާ ފިޔަވަޅެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު މުޙަންމަދު ވަޙީދުއްދީން ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، "އަރތް އަވަރ" އިފްތިތާޙް ކޮށްދެއްވަމުން މިރޭ ދެއްކެވި ވާހަކަފުޅުގައެވެ.

މިރޭ 8.30ގައި އަރތް އަވަރ އިފްތިތާޙް ކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކަރަންޓް ސްވިޗްތައް ނިއްވަވާލަ ދެއްވުމުގެ އިރުކޮޅެއް ކުރިން ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، އަންނަން އޮތް ޖީލުތަކަށް ދުނިޔެ ރައްކާތެރިކުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކުގައި މުޅި ޤައުމު އެއްބާރުލައި، ހުރިހާ ރައްޔިތުންވެސް މިކަމުގައި ބައިވެރިވުމަށް އެދިވަޑައިގެންނެވިއެވެ. އަދި، ސަރުކާރުން މިކަމުގައި ފުރިހަމަ އެއްބާރުލުންދެއްވައި، ރައްޔިތުންނާ އެކީގައި މަސައްކަތްކުރައްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.