ބަންގްލަދޭޝްގެ ރައީސް ޒިލުރް ރަޙްމާން އަވަހާރަވުމާ ގުޅިގެން، އެޤައުމުގެ ބޮޑުވަޒީރު ޝެއިޚް ޙަސީނާއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖްގައި، އެޤައުމުގެ ރައީސް އަވަހާރަވި ޚަބަރު އެއްސެވީ، ފުން ހިތާމައާ އެކުގައި ކަމަށް ވިދާޅުވެފައިވެއެވެ. އަދި ރައީސް ޒިލުރް ރަޙްމާނަކީ ބަންގްލަދޭޝަށް އެކި ރޮނގު ރޮނގުން ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ސިޔާސީ ބޭފުޅެއްކަން އަބަދުވެސް ފާހަގަކުރެވޭނެ ކަމުގައި ވިދާޅުވިއެވެ. ޚާއްޞަ ގޮތެއްގައި ބަންގްލަދޭޝްގައި ޑިމޮކްރަސީ ޤާއިމްކުރުމަށާއި، އެޤައުމުގައި އިންސާނީ ޙައްޤުތައް ކުރިއެރުވުމަށް ރައީސް ޒިލުރް ރަޙްމާން ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަ ކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖްގައި، ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ބަންގްލަދޭޝްގެ ބޮޑުވަޒީރަށާއި، އެޤައުމުގެ ސަރުކާރަށާއި، ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ. އަދި ރައީސް ޒިލުރް ރަޙްމާންގެ ޢާއިލާގެ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާގެ އިޚްލާޞްތެރި ތަޢުޒިޔާ ރައްދުކޮށްދެއްވުމަށްވެސް އެދިވަޑައިގެންފައިވެއެވެ.