‎އަބޫދާބީގެ އަލް އައިން ސަރަހައްދަށް އަބޫދާބީގެ ވެރިޔާ ކަނޑައަޅާފައި ހުންނަވާ މަންދޫބު، ޝައިޚް ތަޙްނޫން ބިން މުޙައްމަދު އަލް ނަޙްޔާން އަވަހާރަވުމާ ގުޅިގެން އެކުވެރި ޢަރަބި އިމާރާތުގެ ރައީސް އަދި އަބޫދާބީގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ޒާއިދު އަލް ނަޙްޔާންއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

‎އެމަނިކުފާނުގެ މެސެޖުގައި، މި ޚަބަރު އެއްސެވީ ނުހަނު ފުން ހިތާމަޔާއެކު ކަމަށް ވިދާޅުވެ، އެމަނިކުފާނަށާއި އެމަނިކުފާނުގެ އާއިލާއަށް އިޙްލާޞްތެރި ތަޢުޒިޔާ ވިދާޅުވެފައިވެއެވެ. އަދި މި ހިތާމައިގެ ދަނޑިވަޅުގައި، ޝައިޚް މުޙައްމަދު ބިން ޒާއިދު އަލް ނަޙްޔާންއަށާއި ޝާހީ އާއިލާއަށް ކެތްތެރިކަން ދެއްވުމަށާއި ޝައިޚް ތަޙްނޫން ބިން މުޙައްމަދު އަލް ނަޙްޔާންގެ ހަޔާތުގެ އުފާވެރި ހަނދާންތަކުން ތަސައްލީއެއް ލިބުމަށް އެދި ދުޢާކުރައްވާފައިވެއެވެ.

‎ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ޝައިޚް ތަޙްނޫން ބިން މުޙައްމަދު އަލް ނަޙްޔާންގެ ޚިދުމަތުގެ ހަނދާންތައް އެކުވެރި ޢަރަބި އިމާރާތުގެ ތާރީޚުގައި އޯގާތެރި ޚިދުމަތްތެރި ލީޑަރެއްގެ ގޮތުގައި ހަނދުމަކުރެވިގެންދާނެކަމަށް އުންމީދުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

‎އެމަނިކުފާނުގެ މެސެޖު ނިންމަވާލައްވާފައިވަނީ، ޝައިޚް ތަޙްނޫން ބިން މުޙައްމަދު އަލް ނަޙްޔާންގެ ހެޔޮ ޢަމަލުފުޅުތައް ޤަބޫލުފުޅުކުރައްވައި، ސުވަރުގޭގެ އެންމެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުމަށް އެދި މާތް ﷲ އަށް ދުޢާ ދަންނަވަމުންނެވެ.

‎ޝައިޚް ތަޙްނޫން ބިން މުޙައްމަދު އަލް ނަޙްޔާން އަވަހާރަވުމުގެ ޚަބަރު ލިބިވަޑައިގެންނެވުމާއެކު ރައީސުލްޖުމްހޫރިއްޔާ މިއަދު ހެނދުނު ވަނީ މީސް މީޑިއާގެ ޕްލެޓްފޯމެއްކަމަށްވާ އެކްސް މެދުވެރިކުރައްވައި ދިވެހި ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަފުޅު ނަމުގައި އެކުވެރި ޢަރަބި އިމާރާތުގެ ރައީސް އަދި އަބޫދާބީގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ޒާއިދު އަލް ނަޙްޔާން އަދި އެމަނިކުފާނުގެ އާއިލާއަށް ތަޢުޒިޔާ ވިދާޅުވެފައެވެ.