ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް 13 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤުކުރައްވައިފިއެވެ. މި ބިލަކީ، 2024 އޯގަސްޓު 19 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 30 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މި ބިލުގެ ދަށުން، ރަށެއް ނުވަތަ ބިމެއް ކުއްޔަށްދޫކޮށްފައިވާ މުއްދަތު އިތުރުކޮށްދިނުމަށް ކުއްޔަށް ހިފައިފައިވާ ފަރާތުން ޓޫރިޒަމް މިނިސްޓްރީއަށް ހުށަހަޅައިފިނަމަ އެކަމާ ގުޅިގެން ދައްކަންޖެހޭ ފައިސާ ދައްކައި ޚަލާސްކުރުމަށް އޮންނަ މުއްދަތަށް ވަނީ ބަދަލު ގެންނަވައިފައެވެ. އެގޮތުން، މިހާރު ބިލުގައި ބަޔާންކޮށްފައިވާގޮތުން ޤާނޫނަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ފައިސާ ދައްކާ ޚަލާސްކުރުމަށް ކުއްޔަށް ހިފާ ފަރާތުން އެއްބަސްވާނަމަ، މުއްދަތު އިތުރުކުރާ ކޮންމެ އަހަރަކަށް -/100,000(އެއްލައްކަ) އެމެރިކާ ޑޮލަރު ދައްކަންޖެހޭނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި 6 (ހައެއް) މަސްދުވަހުގެ ފަހުން ފައިސާ ދައްކައި ޚަލާސްކުރުމަށް ކުއްޔަށްހިފާ ފަރާތުން އެއްބަސްވާނަ، މުއްދަތު އިތުރުކުރާ ކޮންމެ އަހަރަކަށް -/200,000 (ދެލައްކަ) އެމެރިކާ ޑޮލަރު ދައްކަންޖެހޭނެކަމަށް މި އިޞްލާހުގައި ކަނޑައަޅައިފައިވެއެވެ.

ހަމައެހެންމެ، ޓޫރިސްޓު ރިޒޯޓް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓް ހެދުމަށް ދޫކޮށްފައިވާ ރަށްރަށް ނުވަތަ ބިންބިމުގެ ތެރެއިން 50 (ފަންސާސް) އަހަރަށް ލިބިފައިވާ ރަށްރަށް ނުވަތަ ބިންބިން ކުއްޔަށް ހިފައިފައިވާ ފަރާތްތަކަށް އެ ރަށެއް ނުވަތަ އެ ބިމެއް ކުއްޔަށް ދީފައިވާ މުއްދަތު އިތުރު 49 (ސާޅީސްނުވައެއް) އަހަރު ދުވަހަށް އިތުރުކޮށްދިނުމުގައި ޢަމަލުކުރާ ގޮތަށްވެސް އިޞްލާހު ގެންނަވައިފައިވެއެވެ. އެގޮތުން، މިހާރު ބިލުގައި ބަޔާންކޮށްފައި ވަނީ ޤާނޫނަށް އަމަލުކުރަންފަށާ ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި މުއްދަތު އިތުރުކުރާނަމަ، މުއްދަތު އިތުރުކުރުމުގެ ފީ އެއްގެ ގޮތުގައި -/5,000,000 (ފަސްމިލިއަން) އެމެރިކާ ޑޮލަރު އެކީ އެއްފަހަރާ ދައްކަންޖެހޭނެ ކަމަށެވެ. އަދި 6 (ހައެއް) މަސްދުވަހަށްފަހު މުއްދަތު އިތުރުކުރުމުގެ ފީ ދައްކާނަމަ، ފީ އެއްގެ ގޮތުގައި -/10,000,000 (ދިހަމިލިއަން) އެމެރިކާ ޑޮލަރު އެއްފަހަރާ ދައްކަންޖެހޭނެކަމަށް ބަޔާންކޮށްފައިވެއެވެ.

އޭގެ އިތުރުން، ޓޫރިޒަމާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާ (ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި ބިންބިމާއި ފަޅު ކުއްޔަށް ދިނުން) ގެ (މ) ގެ (5) ވަނަ ނަންބަރާއި، 16-16 ވަނަ މާއްދާ (ޕްރައިވެޓް އައިލެންޑް ތަރައްޤީކޮށް ކުއްޔަށްދީ ހިންގުން) ގެ (ބ) އަށް ގެނެވުނު އިޞްލާޙަށް ބަލާއިރު، އެ އިޞްލާޙަށްފަހު ކުއްޔަށްދޫކުރާ މުއްދަތު އިތުރު 49 އަހަރަށް ދެން އިތުރުކުރެވޭނީ، މުއްދަތު އިތުރުކުރުމަށް މިހާރު ކަނޑައަޅައިފައިވާ -/5,000,000 (ފަސްމިލިއަން) ޑޮލަރު ދެއްކުމުގެ އިތުރުން، ކުއްޔަށް ހިފައިފައިވާ ފަރާތުން ސަރުކާރަށް ދައްކަންޖެހޭ އެއްވެސް ކުއްޔެއް ނުވަތަ ޖޫރިމަނާއެއް ނުވަތަ ޓެކުހެއްވާނަމަ، އެ ދައްކައި ޚަލާސްކޮށްފައިވާނަމައެވެ.

ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް 13 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަޞްދީޤުކުރެއްވުމާ ގުޅިގެން މި ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވައިފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ މި ޤާނޫނު ތަޞްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.