بســم اللّـه الرّحمـن الرّحيــم

اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރުކުރަން. އަދި މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި، އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުން ޝާމިލްކުރަން.

އުތީމުގެ ލޮބުވެތި ރައްޔިތުން، އުތީމު ކައުންސިލްގެ ރައީސް އަލްފާޟިލް އަސްރާރު އާދަމް، ކައުންސިލްގެ މެންބަރުން، އަތޮޅު ކައުންސިލްގެ އެންމެހާ ޢިއްޒަތްތެރި މެންބަރުން، ރަށު ކައުންސިލްގެ މެންބަރުން، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، އަޅުގަނޑުގެ އަޚު ޑޮކްޓަރ މުޙަންމަދު މުޢިއްޒު، އަދި މިތަނަށް ޙާޟިރުވެވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއަދަކީ ވަރަށް އުފާވެރި ދުވަހެއް. ހަމައެކަނި މިރަށުގެ ރައްޔިތުންނަށް އެކަންޏެއް ނޫން. މިރަށަކީ އަޅުގަނޑަށްވެސް ވަރަށްބޮޑު އުފަލެއް މިއަދު ލިއްބައިދިން ރަށެއް. ސަބަބަކީ މިރަށަށްޓަކައި، މިރަށުގެ ރައްޔިތުންނަށްޓަކައި ދިވެހިރާއްޖެ، ދިވެހިރާއްޖޭގެ ރައްޔިތުން ދަރާފައިވާ ދަރަނި އެއީ ދުވަހަކުވެސް އަދާކުރެވޭ ދަރަންޏަކަށް ނުވާތީ. މިރަށުގެ ރައްޔިތުންނަށްޓަކައި ކޮށްދެވޭ ކިތަންމެ ކުޑަ ކަމަކީވެސް އެއީ މި ޤައުމު ކުރަންޖެހޭ ވަރަށްބޮޑު ކަމެއް. އަދާކުރަންޖެހޭ ވަރަށްބޮޑު ދަރަންޏެއް.

ދިވެހިރާއްޖެއަށް މިނިވަންކަން ހޯދައިދިނުމުގައި މިރަށުގެ ލޮބުވެތި ދަރިން ވެފައިވާ އަގުހުރި ޤުރުބާނީ އަޅުގަނޑުމެން މިއަދު ހަނދާންކުރަން ޖެހޭނެ. އެ ވަރުގަދަ ޤުރުބާނީގެ ސަބަބުން ޚާއްޞަކޮށް، އައްސުލްޠާން މުޙަންމަދު ތަކުރުފާނު އަލްއަޢުޡަމް، އާދެ! ބޮޑުތަކުރުފާނު، އެކަލޭގެފާނުގެ ޢާއިލާގެ އެހެން ބޭފުޅުން، ޙަސަން ތަކުރުފާނު، މިހުރިހާ ބޭފުޅުން ކޮށްދެއްވި ބޮޑު ޚިދުމަތެއްގެ ސަބަބުން ދިވެހިރާއްޖެ، ބޭރުގެ އިސްތިޢުމާރުގެ ދަށުގައި ނެތި، އެކަމުން ސަލާމަތްވެ، ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބިފައި މިވަނީ. އަދި އަދަށްދާންދެންވެސް ޤައުމީ ދުވަހުގެ މުނާސަބަތު، ޤައުމީ ދުވަހުގެ ނަމުގައި އަޅުގަނޑުމެން ދުވަހެއް ޤައުމީ ފެންވަރުގައި މި ބާއްވަނީ އެ ހަނދާނުގައި. އެކަމަށްޓަކައި ޝުކުރުވެރިވުމުގެ ގޮތުން.

ދިވެހިރާއްޖެ މިނިވަންކޮށްދެއްވި ކަމުގައިވީ ނަމަވެސް، އުތީމުގެ ރައްޔިތުންނަށް ލިބެންޖެހޭ މިނިވަންކަމެއް މިއޮތީ އަދި ނުލިބި. އެއީ، މިރަށުގެ ރައްޔިތުންނަށް އަމާންކަމާއެކީގައި ރަށުން ފުރައިގެން ދިޔުމާއި، ރަށަށް އެނބުރި އައުން. ﷲގެ އިރާދަފުޅުން މިއަދު އަޅުގަނޑުމެން މި އިފްތިތާޙުކުރާ މަޝްރޫޢު ނިމުމަށްފަހުގައި ރައްޔިތުންނަށް ވަރަށްބޮޑު ލުއިކަމެއް ލިބިގެންދާނެ. ވަރަށްބޮޑު މިނިވަންކަމެއް ލިބިގެންދާނެ. އޭގެ ސަބަބުން އިރާދަކުރެއްވިއްޔާ، މިރަށުގެ ދިރުން ވަރަށް ބޮޑަށް ކުރިއަރައިގެންދާނެ. އަދި މިރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ވެގެންދާނެ.

އާދެ! މިއަދު އަޅުގަނޑުމެން ކުޑަ ވަގުތުކޮޅެއް، ހަމަ މި ހަވީރުގެ ވަގުތުކޮޅުގައި ހޭދަކޮށްލުން ހަމަ އެންމެ ރަނގަޅު ކަމަށް އަޅުގަނޑު ދެކެނީ، އަޅުގަނޑުމެންނަކީ ކޮންބައެއްތޯ، އަޅުގަނޑުމެން އަޅުގަނޑުމެންނަށްވަނީ ކިހިނެއްވީމަތޯ ފިކުރުކޮށްލަން. މިނިވަން ދިވެހިރާއްޖޭގެ ގޮތުގައި ދިވެހިރާއްޖެ އޮވެ، ދިވެހިންނަކީ މުސްތަޤިއްލު ބައެއްގެ ގޮތުގައި މިތިބެނީ، ދިވެހިން ދިވެހިންނަށްވީތީ. ދިވެހިން ދިވެހިންނަށް މިވަނީ، ވަކި ކަންތައްތަކެއް ފުރިހަމަވުމުން. އެއިން އެއްކަމަކީ، ދިވެހިބަހުން އަޅުގަނޑުމެން ވާހަކަ ދައްކާތީ. އަޅުގަނޑުމެންނަކީ އިސްލާމްދީނުގައި ފައިތިލަ ސާބިތުކޮށްގެން ތިބި މުސްލިމުން ކަމުގައިވާތީ. އަދި އަޅުގަނޑުމެންގެ ތެރޭގައި ދިވެހި އާދަކާދަތަކެއް، ދިވެހި ޘަޤާފަތެއް އޮތީމާ. މި އާދަކާދަތަކުގެ ސަބަބުން އަޅުގަނޑުމެންނަކީ ވަކިކަހަލަ އަޚްލާޤީ މިންގަނޑުތަކެއް ހިފަހައްޓާ ބަޔަކަށްވާތީ. މިދެންނެވި ކަންކަން ފުރިހަމަވީމާ، ދިވެހިން ދިވެހިންނަށް މިވަނީ. މުސްތަޤްބަލާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނާއިރުގައި، އަޅުގަނޑުމެންގެ މި ދިވެހިވަންތަކަމާއި، ދިވެހި މިނިވަންކަން ދެމެހެއްޓުން މިއީ ކުރިއެކޭ އެއްފަދައިންވެސް ވަރަށް މުހިންމު ކަމެއް. ބަދަލުވަމުންދާ ދުނިޔެއެއްގައި އެކިއެކި ޤައުމުތައް، އެއްޤައުމާ އަނެއް ޤައުމު ލާމެހި، އެއް އިޤްތިޞާދު އަނެއް އިޤްތިޞާދާ ލާމެހި އެއްވަމުންދާ ދުވަސްވަރެއްގައި، ދިވެހިރާއްޖެއަށްވެސް ވަކި ޤައުމެއްގެ ގޮތުގައި، ވަކި ބައެއްގެ ގޮތުގައި އެހެން މީހުންނާ ނުގުޅިއެއްވެސް ނޯވެވޭނެ. އެހެން ނަމަވެސް، އަޅުގަނޑުމެންގެ ދިވެހިވަންތަކަމާއި، އަޅުގަނޑުމެންގެ ދިވެހި ވަޠަންގެ، ދިވެހި ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަކީ އެއީ އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް. އެހެން ނުވެއްޖެނަމަ، އަޅުގަނޑުމެންގެ ވަސީލަތްތަކާއި، އަޅުގަނޑުމެންގެ މުއްސަނދިކަން އަޅުގަނޑުމެންގެ އަތުން ފިރުކިގެން ހިނގައިދާނެ. އަޅުގަނޑުމެންނަށް މިއަދު ލިބޭ އާމްދަނީ ނުލިބޭނެ. އަދި ކުރިއަށް އޮތް ތާނގައި ހޯދަންޖެހޭ އާމްދަނީ، އިތުރުކުރަންޖެހޭ އާމްދަނީވެސް އަޅުގަނޑުމެންނަކަށް ނުލިބޭނެ، އަޅުގަނޑުމެންގެ މިނިވަންކަން އަޅުގަނޑުމެންނަށް ނުހިފެހެއްޓިއްޖިއްޔާ.

މި މިނިވަންކަމާއި އަޅުގަނޑު ކުރިން ދެންނެވި ދިވެހިވަންތަކަމާއި، ދިވެހި ޤައުމިއްޔަތާ ވަރަށް ބޮޑަށް މިއޮންނަނީ ގުޅިފައި. އަޅުގަނޑުމެންގެ މިނިވަންކަން ގެއްލިފައިވާ ކޮންމެފަހަރަކު ގެއްލިފައިވަނީ، އަޅުގަނޑުމެންގެ ތެރެއިން ބަޔަކު ބައިބައިވެގަނެގެން، ވަކި ފިކުރެއް ގެންގުޅެ، ވަކި ތަފާތު ގޮތްތަކެއް ނެރުނީމާ. ދިވެހިރާއްޖެ މިހާރު މި ކަޑައްތު ކުރަމުން ގެންދާ މަރްޙަލާގައި، އަޅުގަނޑުމެންގެ ތެރޭގައި، ހިތާމައާއެކު ދަންނަވަންޖެހެނީ، އަޅުގަނޑުމެންގެ ޤައުމީ ފިކުރަށްވުރެ، އުސް ފިކުރުތަކެއް މިހާރު އެބަ ގެންގުޅެއޭ. އަޅުގަނޑުމެންގެ ޤައުމު މިނިވަން ތަނެއްގެ ގޮތުގައި ދަމަހައްޓަން ބޭނުންވާ ކަމަށްވާނަމަ، ޤައުމިއްޔަތަށްވުރެން އިސް ފިކުރެއް އަޅުގަނޑުމެންގެ ތެރޭގައި އޮވެގެނެއް ނުވާނެ. އެހެންވީމާ، އަޅުގަނޑުމެން އެންމެން އެބަޖެހޭ، ދިވެހިންގެ ގޮތުގައި، ދިވެހި އަޚުންނާއި އުޚުތުންގެ ގޮތުގައި، އަބަދުވެސް އަޅުގަނޑުމެންނަކީ އެއްބައެއްކަން ދެނެގަންނަން. އެއްބައެއްކަން ހަނދާން ކުރަން. އަދި އެއްބައިވަންތަކަން، އެއްބައެއްވަންތަކަން ވަރުގަދަ ކުރުމަށްޓަކައި ކެނޑިނޭޅި ތާއަބަދު މަސައްކަތް ކުރަން. އެކަން އެގޮތަށް ނުކުރެވޭ ކަމަށްވާނަމަ، އަޅުގަނޑުމެންގެ ތެރޭގައި ބައިބައިވުން އުފެދި، ވާދަވެރިކަމުގެ ތެރޭގައި އެކިއެކި ފަރާތް ފަރާތުގެ ނުފޫޒުތައް، އަޅުގަނޑުމެންގެ ތެރެއަށް ވަދެ، އަޅުގަނޑުމެންގެ މިނިވަންކަމާއި އިސްތިޤްލާލު، އަޅުގަނޑުމެންގެ ސިޔާދަތު ގެއްލިގެން ހިނގައިދާނެ. މި ފަސްގަނޑުގައި މިއަދު ދައްކަންޖެހޭ ވާހަކަ މިއީ. ދިވެހިރާއްޖެ މިދަނީ ވަރަށް ނާޒުކު ފައްތަރެއްގެ ތެރޭގައި. ދިވެހިރާއްޖޭގެ ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައިވެސް އަޅުގަނޑުމެން އެބަ ކެނޑިނޭޅި މަސައްކަތް ކުރަންޖެހޭ، ދިވެހިރާއްޖެ މުސްތަޤިއްލު ތަނެއްގެ ގޮތުގައި ބޭއްވުމަށް. އެހެންވީމާ، މިއަދު މިރަށުން އަޅުގަނޑުމެން އެބަޖެހޭ، އަޅުގަނޑުމެންގެ ޤައުމު ޢިބްރަތްތަކެއް ޙާޞިލުކުރަން.

މިރަށަކީ އާދަޔާ ޚިލާފު ރަށެއް. މިރަށަކީ ވަރަށް އުޚުއްވަތްތެރި، އެއްބަނޑުއެއްބަފާ ބަޔަކު އުޅެމުންދާ ރަށެއް. ފިކުރީގެ ޚިލާފުތަކުގެ ސަބަބުން ރަށް ބައިބައިވިޔަނުދީ، އެއް މިޞްރާބަކަށް މަސައްކަތްކުރާ ރައްޔިތެއް އޮތް ރަށެއް. މިރަށުގެ ރަށު ކައުންސިލަކީ، އެއް ވިސްނުމެއްގައި ތަރައްޤީއަށްޓަކައި މަސައްކަތްކުރާ ކައުންސިލެއް. ހިތާމައަކީ މިއަދު ދިވެހިރާއްޖޭގެ ވަރަށްގިނަ ރަށްރަށް އޮތީ މިގޮތަކަށް ނޫން. މިރަށުގެ ރައްޔިތު އޮތް ގޮތަކަށް ނޫން، ވަރަށްގިނަ ރަށްރަށުގެ ރައްޔިތުތައް އޮތީކީ. އެހެންވީމާ، މިއަދު އަޅުގަނޑުމެން އެބަޖެހޭ، މިރަށުން ޢިބްރަތް ޙާޞިލްކުރަން. ތިޔަބޭފުޅުން މިރަށުގެ ތިޔަ ޢިއްޒަތްތެރި ލޮބުވެތި ރައްޔިތުން ތިޔަ ދައްކަވާ ރީތި ނަމޫނާ، ތިޔަ ގެންގުޅުއްވާ އެއްބައިވަންތަކަމާއި އެކުވެރިކަމުގެ ސަބަބުން ސަރުކާރަށްވެސް ތިޔަބޭފުޅުންނަށް އެހީވެމިދެވެނީ. ތިޔަބޭފުޅުންނާ އެކީގައި މިފަދަ ބޮޑެތި މަޝްރޫޢުތައް މި ފެއްޓެނީވެސް އެހެންވެގެން. ތިޔަބޭފުޅުން އެގޮތަށް މަސައްކަތް ކުރައްވަން ތިއްބެވީމަ. ހަމަ މިރަށުގައިވެސް، ހަމަ މި ބަނދަރާ ބެހޭގޮތުންވެސް ޚިޔާލު ތަފާތުވެގެން، އެއްބަޔަކު ފުއްޓަރު ފަރާތުގައި، އަނެއް ބަޔަކު އެހެން ފަރާތެއްގައި ބަނދަރު އަޅަންވެގެން، ޚިޔާލު ތަފާތުވެ، އެއްބަސް ނުވެވިއްޖިއްޔާ އެކަމެއް ނުވާނެ. އެކަމަކު ސިޔާސީ ފިކުރުން އެއްކިބާ ކުރައްވައި، ރަށުގެ ތަރައްޤީއަށްޓަކައި ތިޔަބޭފުޅުން މީގެ ޓެކްނިކަލް މަޢުލޫމާތުގެ މައްޗަށް ބިނާކުރައްވައިގެން، ސަރުކާރާ އެކުއެކީގައި މިއަދު މަސައްކަތް ކުރެއްވީތީ، ﷲގެ އިރާދަފުޅުން މި މަސައްކަތް ފެށިގެން މި ކުރިއަށް ދަނީ.

އެހެންވީމާ، މިރަށުގެ ލޮބުވެތި ރައްޔިތުން ތިޔަ ދައްކަވާ ރީތި ނަމޫނާއާއި، ތިޔަ ކުރައްވާ ހިތްވަރާ އަދި ސަރުކާރަށް ތިޔަ ދެއްވާ އެއްބާރުލުމަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ފަށްފަށުން ޝުކުރު ދަންނަވަން. މިއަދު ހެނދުނު އަޅުގަނޑުމެން މިރަށަށް އައުމުންވެސް، އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ، ލާމަސީލު ނަމޫނާއެއް. ރަށުގެ ކުދިބޮޑު ހުރިހާ ރައްޔިތުން ނުކުމެ، އުފާފާޅުކުރާ ތަން. ހުރިހާ އެންމެން އެކީގައި. އަޅުގަނޑުގެ އުންމީދަކީ، އަބަދުވެސް މި އެކުވެރިކަމާއި، އެއްބާރުލުމާއި، އުޚުއްވަތްތެރިކަން ތިޔަ ހުރިހާ ބޭފުޅުންވެސް ގެންގުޅުއްވުން.

އާދެ! މިރަށުގެ މުސްތަޤްބަލް ވަރަށް އުޖާލާ. އަޅުގަނޑަށް އެބަ ފެނޭ. މިރަށަކީ ހަމަ މިހާރުވެސް އޮތް ރީތި ރަށް. އަދި އެއަށްވުރެވެސް ނަލަވެފައި، މިރަށަށް ގިނަ ޢަދަދެއްގެ ފަތުރުވެރިންނާއި، ތިޔަބޭފުޅުންގެ އެކިވެރި ރަޙްމަތްތެރިން، ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުން ޒިޔާރަތްކުރާ ތަން. މި ބަނދަރު މިއީ އެކަމަށްޓަކައި ހުޅުވޭ ދޮރެއް. އޭގެއިތުރުން، މިރަށުގައި ކުރަންޖެހޭ އެހެނިހެން ތަރައްޤީގެ މަޝްރޫޢުތައްވެސް، ﷲ އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތާނގައި ވަރަށް އަވަސް ސްޕީޑެއްގައި ކުރިއަށްދާނެ. އަދި އޭގެ ސަބަބުން ރަށަށް ދިރުން އައިސް، ރަށުގެ އިޤްތިޞާދު ކުރިއަށްދާނެ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މިހާރުވެސް މިރަށުގައި ފަތުރުވެރިކަމުގެ މަސައްކަތް ކުރުމަށްޓަކައި ޝައުޤުވެރިވާ ފަރާތްތައް އެބަހުރި. އެހެންވީމާ، މި ރީތި ރަށް، މިރަށުގައިވާ އަގުހުރި އާޘާރީ ގަނޑުވަރު ބަލައިލުމަށްޓަކައި ދުނިޔޭގެ އެތަން މިތަނުން މީހުން އަންނާނެ. އެމީހުން މިތަނަށް އައިސް ތިބޭނެ ތަންތަންވެސް ހުންނަންޖެހޭނެ. އެމީހުން މިތަން ތަނަށް ޚަރަދުވެސް ކުރާނެ. ﷲ އިރާދަކުރެއްވިއްޔާ، މިރަށަކީ ތިޔާގި، ތަރައްޤީވެފައިވާ ތަހުޒީބު ނަމޫނާ ރަށެއްގެ ގޮތުގައި އަބަދުވެސް އޮންނާނެ.
ތިޔަބޭފުޅުން އެދިވަޑައިގެންނެވި ނަރުދަމާގެ ކަންކަން ވަރަށް ދެރަކޮށް މިހާތަނަށް އެކަން ގޮއްސަ އޮތީ. ދައުލަތުގައި މިކަމަށްޓަކައި ކަނޑައެޅިފައިވާ ފައިސާ، އެތަކެއް އަހަރު ވަންދެން ހުރެވެސް އެކަން ނުކުރެވި ގޮސް، އެންމެފަހުން އެ ފައިސާ ބޭނުންނުކުރެވި އެދިޔައީ. އެކަން އެހެން އެވީ ކޮންމެވެސް ބައެއްގެ އިހުމާލުން. ނަމަވެސް އެއެއް ނޫން އަޅުގަނޑުމެން ބަލަންވީ ކަމަކީ މިހާރު. އަޅުގަނޑުމެން ބަލަންވީ ކުރިއަށް. ﷲ އިރާދަކުރެއްވިއްޔާ، އަނެއްކާވެސް އަޅުގަނޑުމެން އެމަސައްކަތް ފަށާނަން. މިރަށުގައި ނަރުދަމާވެސް ހެދޭނެ. އަދި އެކަމަށް ބޭނުންވާ ފައިސާވެސް ލިބޭނެ އިރާދަކުރެއްވިއްޔާ. އެހެންވީމާ، އެކަން އަޅުގަނޑުމެން، އަޅުގަނޑު ދަންނަވަން. އެކަމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ. އަދި މާލަހެއްނުވެ އިރާދަކުރެއްވިއްޔާ، އެކަމާބެހޭ ރަނގަޅު ޚަބަރެއް ތިޔަބޭފުޅުންނަށް އެރުވޭތޯ އަޅުގަނޑު މަސައްކަތް ކުރާނަން.

އާދެ! އަދިވެސް އެއްފަހަރު އަޅުގަނޑު ދަންނަވާނަން. އަޅުގަނޑު ވަރަށް ބޮޑަށް އުފާކޮށްފިން، މިރަށަށް އަޅުގަނޑަށް އަނެއްކާވެސް އާދެވުނީމާ. މިއީ އަޅުގަނޑު ރައީސްކަމާ ޙަވާލުވިފަހުން މިރަށަށް އާދެވޭ ދެވަނަ ފަހަރު. މުޅިއެކު މިވޭތުވެދިޔަ ތިން ހަތަރު އަހަރެއްގެ ތެރޭގައި، އަޅުގަނޑަށް ތިންފަހަރު އާދެވިއްޖެ މިހާރު މިރަށަށް. ކޮންމެ ފަހަރަކުވެސް އަޅުގަނޑު މިރަށަށް އަންނަނީ ވަރަށް އުފަލާ އެކީގައި. މިރަށުން އަދި ފުރައިގެން ދަނީ އެއަށްވުރެވެސް އުފަލުން. އެހެންވީމާ، ތިޔަބޭފުޅުން ތިޔަ ދެއްވާ، ބަހައްޓަވާ އެކުވެރިކަމާއި، ދެއްވާ އަގުހުރި މެހްމާންދާރީކަމަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ފަށްފަށުން ޝުކުރު ދަންނަވަން. އަދި ތިޔަބޭފުޅުންނަށްޓަކައި އަޅުގަނޑު ޔަޤީންކޮށް އަރުވަން، އަޅުގަނޑުގެ ހިތުގައިވެސް ވަނީ ހަމަ ލޯތްބާއި އިޙްތިރާމް.

އާދެ! އަޅުގަނޑުގެ ދުޢާއަކީ، اللّـه سبحـانـه وتعـالى މިރަށަށް އަދަށްވުރެ ފަހި މާދަމައެއް މިންވަރު ކުރެއްވުން. އަޅުގަނޑުގެ ދުޢާއަކީ، ތިޔަ ހުރިހާ ލޮބުވެތި ރައްޔިތުންނަށް މާތްﷲ ރަޙްމަތް ލެއްވުން. ތިޔަ ހުރިހާ ބޭފުޅުންނަކީ ދުޅަހެޔޮ ޞިއްޙަތެއްގައި، އުފާވެރިކަމާއެކީގައި، ފާގަތިކަމާއެކީގައި ދިރިއުޅުއްވާ ރައްޔިތަކަށްވުން.

ވަރަށް ބޮޑަށް ޝުކުރިއްޔާ!

والســّلام عليــكم ورحـمــة اللّـه وبـركاتـه