ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ތިލަދުންމަތީ އުތުރުބުރީ އުތީމު ބަނދަރު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ރަސްމީގޮތުން މިއަދު ހަވީރު ފަށްޓަވައިދެއްވައިފިއެވެ.

ބަނދަރު ހެދުމަށް ހަމަޖެހިފައިވާ ސަރަޙައްދުގައި މިއަދު ހަވީރު ބޭއްވެވި ރަސްމިއްޔާތުގައި، ބަނދަރުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ރަސްމީގޮތުން ފަށްޓަވައިދެއްވުމަށްފަހު، އުތީމު ރައްޔިތުންނާ މުޚާޠަބު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިއަދަކީ އުތީމުގެ ރައްޔިތުންނަށާއި އަދި ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ވަރަށްބޮޑު އުފަލެއް ލިބިގެންދިޔަ ދުވަހެއްކަން ފާހަގަކުރެއްވިއެވެ. އަދި ދިވެހިރާއްޖެއަށް މިނިވަންކަން ހޯއްދަވައިދެއްވުމުގައި، އުތީމުގެ ލޮބުވެތި ދަރިން ވެވެޑައިގެންފައިވާ މަތިވެރި ޤުރުބާނީގެ މަތިން މި އުފާވެރި ދުވަހު ހަނދާންކުރަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދު މި އިފްތިތާޙު ކުރެވުނު މަޝްރޫޢުގެ ސަބަބުން، އުތީމު ރައްޔިތުންނަށް އަމާންކަމާއެކު އުތީމުން ފުރައިގެން ގޮސް، އެނބުރި އުތީމަށް އައުމުގެ މިނިވަންކަން ލިބިގެންދާނެ ކަމަށާއި، މި ބަނދަރުގެ ސަބަބުން، ﷲގެ އިރާދަފުޅުން އުތީމު ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އަޅުގަނޑުމެން އެންމެންނަކީ އެއްބައެއް ކަމުގައި ދެކިގެން، އަބަދުވެސް މަސައްކަތް ކުރަންޖެހޭނީ، އަޅުގަނޑުމެންގެ މެދުގައި އުޚުއްވަތްތެރިކަމާއި އެއްބައިވަންތަކަން ވަރުގަދަކުރުމަށްޓަކައި ކަމަށް ވިދާޅުވިއެވެ. އަދި އެކަން އެގޮތަށް ނުކުރެވޭ ކަމަށްވާނަމަ، އަޅުގަނޑުމެންގެ ތެރޭގައި ބައިބައިވުން އުފެދި، ބައިބައިވުމުގެ ތެރޭގައި އެކިއެކި ފަރާތް ފަރާތުގެ ނުފޫޒުތައް އަޅުގަނޑުމެންގެ ތެރެއަށް ވަދެ، އަޅުގަނޑުމެންގެ މިނިވަންކަމާއި އިސްތިޤްލާލާއި، ސިޔާދަތު ގެއްލިގެން ހިނގައިދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އުތީމަކީ، ވަރަށް އުޚުއްވަތްތެރި އެއްބަނޑުއެއްބަފާ ބަޔަކު އުޅެމުންދާ ރަށެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، އެކަމަށްޓަކައި އެމަނިކުފާނު އުފާފުޅު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި އުތީމު ރައްޔިތުން ދައްކަވާ ރީތި ނަމޫނާއަށާއި، ކުރައްވާ ހިތްވަރަށާއި، ސަރުކާރަށް ދެއްވާ އެއްބާރުލެއްވުމަށްޓަކައި އުތީމު ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ

މި ރަސްމިއްޔާތުގައި، "އުތީމަށް އެންމެ މަތީ ޚިދުމަތްކޮށްދޭ ފަރާތަކަށް އުތީމު ރައްޔިތުންގެ ފަރާތުން އެރުވޭ އެންމެ މަތީ ޝަރަފު"ގެ ހަނދާނީ އައްޑަނަ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދަށް އެރުވިއެވެ. އުތީމު ރައްޔިތުންގެ ފަރާތުން މި އައްޑަނަ ރައީސުލްޖުމްހޫރިއްޔާއަށް އެރުވީ، އުތީމު ކައުންސިލުގެ ރައީސް އަލްފާޟިލް އަސްރާރު އާދަމެވެ.