ޗައިނާގެ ރައީސްކަމުގެ މަގާމަށް އަލަށް ހޮވިވަޑައިގެންނެވި ޒީ ޖިންޕިންގއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ މެސެޖްގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ޗައިނާގެ އާ ރައީސަށް ތަހުނިޔާ ވިދާޅުވެފައިވެއެވެ. އަދި ޗައިނާގެ ރައީސްކަމާ ޒީ ޖިންޕިންގ ހަވާލުވެވަޑައިގަތީ، ތަރައްޤީގެ ގޮތުން ޗައިނާއަށް ވަރަށް މުހިންމު ވަގުތެއްގައިކަން ފާހަގަކުރައްވައި، އެމަނިކުފާނުގެ ޒަޢާމަތުގައި ޗައިނާއަށް އިތުރު ތަރައްޤީއާއި ކުރިއެރުން ލިބިގެންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އުފެދިފައިވަނީ، ވަރަށް ގާތް ގުޅުމެއްކަން ފާހަގަކުރައްވައި، މިގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ތަރައްޤީވެ، ކުރިއަރަމުންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައިވެސް ވިދާޅުވެފައިވެއެވެ.