ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ރައީސުލްޖުމްހޫރިއްޔާގެ ރިސަރޗް ފެލޯޝިޕެއް ޤާއިމު ކުރައްވަން ގަސްދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެ ޔުނިވަރސިޓީގެ "ދަ ޕޯސްޓް ގްރެޖުއޭޓް ރިސަރޗް ސެންޓަރ" ހުޅުއްވައި ދެއްވުމަށާއި، އެ ޔުނިވަރސިޓީގެ 4 ވަނަ ސްޓްރެޓެޖިކް ޕްލޭން ނެރުއްވައި ދެއްވުމަށް މިއަދު ހަވީރު އެ ޔުނިވަރސިޓީގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިކަމާބެހޭ ލިޔެކިޔުންތައް އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ޔުނިވަރސީޓީއަށް ފޮނުއްވާނެ ކަމަށާއި، ޤައުމުގެ ހާލަތު ހުރި ގޮތުންނާއި ބަޖެޓު ތަން ނުދޭތީއާއެކު މިވަގުތު ޤާއިމު ކުރެއްވެން އޮތީ އެއް ފެލޯޝިޕް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޔުނިވަރސިޓީގެ ރިސަރޗް ސެންޓަރ މިއަދު ހުޅުވުނުކަމީ، މުޅިޤައުމު އެކަމަށްޓަކައި އުފާކުރާނެ ކަމެއް ކަމަށާއި، މިއީ ވަރަށް މުހިންމު މަރުކަޒެއް ކަމުގައި ވިދާޅުވިއެވެ. އަދި މިއަދު މި ނެރެވުނު ޔުނިވަރސިޓީގެ 4 ވަނަ ސްޓްރެޓެޖިކް ޕްލޭންގެ ސަބަބުން، ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި ޔުނިވަރސިޓީއަށް އިތުރު ކާމިޔާބީތައް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޔުނިވަރސިޓީއަކީ ހަމައެކަނި ޢިލްމު އުނގަންނައިދޭ ތަނެއް ނޫން ކަމަށާއި، ޔުނިވަރސިޓީއަކީ ޢިލްމު އުފައްދާ ތަނެއްކަމަށް ވިދާޅުވިއެވެ. އަދި އާ ޢިލްމު އުފެއްދުމުގެ މަސައްކަތް ރަސްމީ ގޮތުން މިއަދު ފަށާއިރު، ވިސްނާލަންޖެހޭ ނުކުތާތަކެއް އެބަހުރިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ދިވެހިރާއްޖެއަކީ އިސްލާމީ އުސޫލުތަކުގެ މަތީގައި ފައިތިލަ ސާބިތުކޮށްގެން ތިބި ރައްޔިތަކު ދިރިއުޅޭ ޤައުމަކަށްވާއިރު، މި ޤައުމުގެ ކުރިއެރުންވެސް ބިނާވެފައި އޮތީ އިސްލާމީ އުސޫލުތަކުގެ މައްޗަށެވެ. އެހެންވީމާ، އަޅުގަނޑުމެން ޔުނިވަރސިޓީގައި އުފައްދާ ޢިލްމަކީ، އަޅުގަނޑުމެންގެ ޤައުމާއި، ޤައުމުގެ ދީނާއި، ޤައުމުގެ ޤައުމިއްޔަތާއި ޘަޤާފަތާ ގުޅިފައިވާ އެއްޗަކަށްވާން އެބަޖެހެއެވެ.

މި ރާއްޖޭގެ ތަރައްޤީއަށްޓަކައިވެސް، ތަފާތު ރޮނގުރޮނގުން އިތުރު ޢިލްމު ބޭނުންވާ ކަމާއި، އިތުރު ހޯދުންތައް ހޯދަންޖެހޭކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރައްވަމުން، އެންމެ ފުރަތަމަ ކުރަންޖެހޭ އެއްކަމަކީ، ރިސަރޗްގައި ބޭނުންކުރާ ބަސްތައް އުފެއްދުން ކަމުގައި ވިދާޅުވިއެވެ. ފުރަތަމަ ފެށޭއިރުގައި އިނގިރޭސިބަހުން ރިސަރޗް މަސައްކަތް ކުރެވުނު ކަމުގައިވީނަމަވެސް، މުސްތަޤްބަލުގައި ދިވެހިބަހުންވެސް ރިސަރޗް ކުރަންޖެހޭނެ ކަމަށާއި، އެގޮތުން ރިސަރޗް ކުރާއިރު އިނގިރޭސިބަސްތައް ދިވެހިބަހަށް ގެންނާނެ ގޮތަކާ ދޭތެރޭގައި ޚިޔާލުކުރަންޖެހޭ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ދަ ޕޯސްޓް ގްރެޖުއޭޓް ރިސަރޗް ސެންޓަރ ހުޅުއްވައިދެއްވުމަށްފަހު އެ ސެންޓަރ ބައްލަވާލެއްވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި، މަރްޙަބާ ދަންނަވައި، ޖަލްސާ ތަޢާރުފު ކުރެއްވީ ޔުނިވަރސިޓީގެ ޗާންސެލަރ ޑޮކްޓަރ މުޙަންމަދު ޒާހިރު ޙުސައިނެވެ. ޔުނިވަރސިޓީއާ ގުޅޭގޮތުންނާއި ސްޓްރެޓެޖިކް ޕްލޭނާބެހޭގޮތުން ވާހަކަފުޅު ދެއްކެވީ، ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑޮކްޓަރ ޙަސަން ޙަމީދެވެ. ޝުކުރު ދެންނެވީ، ދަ ޕޯސްޓް ގްރެޖުއެޓް ރިސަރޗް ސެންޓަރުގެ ސީނިއަރ ލެކްޗަރަރ ޑޮކްޓަރ މިޒުނާ މުޙަންމަދެވެ.