2013 މާޗް 5 ވި އަންގާރަދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 2013 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 2 ވަނަ ޖަލްސާއިން ފާސްކުރެއްވި ސިޔާސީ ޕާޓީގެ ބިލާއި، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. ތަސްދީޤު ކުރެއްވުމާ ގުޅިގެން މިދެޤާނޫނު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރު 1 ޖެހިއިރު ބޭއްވެވި ރަސްމިއްޔާތުގައި މިދެބިލު ތަސްދީޤު ކުރެއްވުމަށްފަހު ބޭއްވެވި ޕްރެސް ކޮންފަރެންސްގައި، ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި ދެބިލު ތަޞްދީޤު ނުކުރައްވައި މަޖިލީހަށް އަލުން އަނބުރާ ފޮނުއްވި ސަބަބުތަކުގެ މައްޗަށް ވަރަށް ތަފުސީލުކޮށް ބައްލަވާލެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ދެ ބިލުގައިވެސް ޤާނޫނުއަސާސީއާއި ޤާނޫނުތައް ފުށުއަރާ ބައެއް ކަންކަން ހުރުމާއި އަދި ދައުލަތުގެ ބަންޑާރަނައިބުވެސް މިކަންކަން ފާހަގަކުރައްވައި ބިލު އަނބުރާ ފޮނުއްވުމަށް ލަފާދެއްވާފައިވާތީ، މަޖިލީހަށް ބިލު އަލުން އަނބުރާ ފޮނުއްވީ ކަމަށެވެ. މި މޭރުމުން ވާހަކަފުޅު ދައްކަވަމުން، ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ނ) އިން ޤާނޫނުގެ ވެރިކަން ކުރިއަރުވައި އެންމެންގެ ޙައްޤުތަކާއި މިނިވަންކަން ރައްކާތެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލާޒިމުކުރާ ކަމަށާއި، ޤާނޫނުގެ ވެރިކަން ކުރިއަރުވައި އެންމެންގެ ޙައްޤުތަކާއި މިނިވަންކަން ރައްކާތެރިކުރުމަށް ހުރަސްއަޅާ ކަންތައްތަކެއް އެބަހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އޭގެ ތަފްޞީލު މަޖިލީހަށް ހުށަހެޅުއްވި ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި،ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާ ބިލުތައް ފާސްކުރައްވާއިރުގައި، އެ ބިލުތަކުގެ މާލީ ކަންކަމާ ދޭތެރޭގައި ރަނގަޅަށް ވިސްނާވަޑައިނުގަންނަވާކަން ދޭހަވަމުންދާ ކަމަށާއި، އޭގެ ސަބަބުން ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާ ކަންކަން ހިންގުމުގައި ދައުލަތްވަނީ ނުކުޅެދިފައި ކަމަށް ވިދާޅުވިއެވެ. އުފައްދަވާ އެކިއެކި މުއައްސަސާތަކާއި ނިންމަވާ ކަންކަމުގެ ޚަރަދުތައް ބަލަން އެބަޖެހޭ ކަމަށާއި، ވަޒީރުންގެ މަޖިލީހަށް މައްސަލަ ހުށަހަޅުއްވާއިރުގައިވެސް މާލީ ގޮތުން ކުރިމަތިވާ ދަތިތައް ފާހަގަކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންކަމުން، ރައްޔިތުންގެ މަޖިލީހަށް ބޮޑެތި ބިލުތައް ހުށަހެޅިގެންދާއިރު، އަދި ބޮޑެތި އިޞްލާޙުތައް އަންނަމުންދާއިރުގައި ދައުލަތުގެ ޚަރަދުތަކަށްވާނެ ގޮތާ ދޭތެރޭގައިވެސް ރައްޔިތުންގެ މަޖިލީހުން ވިސްނާވަޑައިގަންނަވަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ދައުލަތުގެ މާލީ ޙާލަތު މިހާ ދެރަކޮށް އޮތް ދުވަސްވަރެއްގައި އެކަންކަމަށް އެއްގޮތަކަށްވެސް ނުބައްލަވައި ބޮޑެތި ޢިނާޔަތްތައް ކަނޑައެޅުއްވުމަކީ ދައުލަތަށް ހިފެހެއްޓެވޭނެ ވަރުގެ ކަންކަމެއް ނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސިޔާސީ ޕާޓީތަކުގެ ބިލާއި، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ މިއަދު ތަޞްދީޤު ކުރެއްވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ވަނީ ނޫސްބަޔާނެއްވެސް ނެރުއްވާފައެވެ.
ސިޔާސީ ޕާޓީގެ ޤާނޫނަކީ، ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީ އުފެއްދުމާއި، ރަޖިސްޓަރީ ކުރުމާއި، ހިންގުމާއި، ޕާޓީގެ މެންބަރުކަމާއި، ޕާޓީގެ ނަމުގައި އިންތިޚާބުތަކަށް ކުރިމަތިލުމާއި، ޕާޓީއަށް މުދަލާއި ފައިސާ ހޯދުމާއި، ޕާޓީގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި، މުދަލާއި ފައިސާއިން މުޢާމަލާތު ކުރުމާއި، ޕާޓީ އުވާލުމާ، މިކަންކަމުގެ އުސޫލުތައް ކަނޑައެޅުމާއި، ޕާޓީތަކުން ތަބާވާންޖެހޭ ހަމަތައް ބަޔާންކުރުމުގެ ޤާނޫނެވެ.
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ އިމްތިޔާޒުތަކާއި ބާރުތަކުގެ ތެރެއިން ބައެއް އިމްތިޔާޒުތަކާއި ބާރުތައް ބަޔާންކުރުމުގެ ޤާނޫނެވެ. ރައްޔިތުންގެ މަޖިލީހުގެ ބާރުތަކާއި އިމްތިޔާޒުތަކާއި ޙައްޤުތަކުގެ މާނައިގައި ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ޙައްޤުތަކާއި ބާރުތަކާއި، އެމަޖިލީހުގެ ކޮމިޓީތަކަށާއި، އެމަޖިލީހުގެ މެންބަރުންނަށް ލިބިގެންވާ ޙައްޤުތަކާއި ބާރުތައް ހިމެނިގެންވެއެވެ. އަދި އެ މަޖިލީހުން ކުރަމުންދާ އިދާރީ މަސައްކަތްތަކާއި، ޤާނޫނީ މަސައްކަތްތަކާ، އެމަސައްކަތްތަކުގެ އެކިއެކި މަރުޙަލާތައް، ކުރިއަށް ގެންދާނެގޮތް ކަނޑައެޅުމުގެ ބާރާއި، އެމަސައްކަތްތައް އެކިއެކި މަރުޙަލާތަކުގައި ތަރުޖަމާކުރުމާއި، ހިންގުމާއި، ކޮންޓްރޯލް ކުރުމާއި، ރައްކާތެރިކުރުމުގެ ފުރިހަމަ ބާރުވެސް ހިމެނިގެންވެއެވެ.