މިމަހުގެ 26 ވަނަ ދުވަހު ނެޕާލްގެ ވެރިރަށް ކަތުމަންޑޫގައި ފެށުމަށް ހަމަޖެހިފައިވާ އޭ.ސީ.ސީ ޓުވެންޓީޓުވެންޓީ ކްރިކެޓް މުބާރާތުގައި ބައިވެރިވާ ރާއްޖޭގެ ޤައުމީ ކްރިކެޓް ޓީމާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު ބައްދަލުކުރައްވައި، އެ ޓީމަށް ހިތްވަރު ދެއްވައިފިއެވެ.

މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އޭ.ސީ.ސީ.ގެ ކްރިކެޓް މުބާރާތްތަކުގައި، ރާއްޖޭގެ ޤައުމީ ކްރިކެޓް ޓީމް، މީގެކުރިން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރައްވަމުން، ތިންފަހަރެއްގެ މަތިން ތަށި ޙާޞިލްކޮށްފައިވާތީ، އެކަމަށްޓަކައި އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި މިފަހަރުގެ މުބާރާތުގައިވެސް ހިތްވަރާއެކު ކުޅެ، މުބާރާތް ކާމިޔާބުކޮށް، ރާއްޖެއަށް ރީތި ނަމެއް ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ރާއްޖޭގައި ކްރިކެޓް ކުޅޭ ކުޅުންތެރިންގެ ޢަދަދު އިތުރުކުރުމަށާއި އަދި މިކަމަށް ޢާންމުންގެ ތަރުޙީބު ބޭނުންވާ ކަމަށާއި، މިރޮނގުން ކުރައްވާ މަސައްކަތްތަކުގައި ވެދެއްވެން އޮތް އެހީތެރިކަމެއް ސަރުކާރުން ވެދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްއިންވެސް މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން، ރާއްޖޭގައި ކްރިކެޓް ތަރައްޤީކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ކުރިއަށް އޮތް ތާނގައި، ކްރިކެޓް ކުރިއެރުވުމަށް އިތުރު މަސައްކަތްތައް ކުރެވި، ރާއްޖެއަށް އިތުރު ކާމިޔާބީ ލިބެމުންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގެ ޤައުމީ ކްރިކެޓް ޓީމް، އޭ.ސީ.ސީ ޓުވެންޓީޓުވެންޓީ ކްރިކެޓް މުބާރާތަށް ދިޔުމުގެ ކުރިން ސްރީލަންކާގައި ފަރިތަކުރުންތަކެއް ބާއްވާނެއެވެ. މި ފަރިތަކުރުންތަކަށް ސްރީލަންކާއަށް ޓީމް ފުރުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.

މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސް އަލްފާޟިލް މުޙަންމަދު ޙުސައިން ޝަރީފާއި، ކްރިކެޓް ކޮންޓްރޯލް ބޯޑް އޮފް މޯލްޑިވްސްގެ ޕްރެޒިޑެންޓް އަލްފާޟިލް އަޙްމަދު ޙަސަންދީދީ ވާހަކަފުޅު ދެއްކެވިއެވެ.