ޕާކިސްތާނު ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މުޙައްމަދު ސަޢީދު ޚާން، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދަށް މިއަދު އަރުއްވައިފިއެވެ.

މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ޕާކިސްތާނުގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި ޕާކިސްތާނާއި ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުން، ޕާކިސްތާނުގެ އާ ސަފީރުގެ ދައުރުގައި، އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

ޕާކިސްތާނުގެ ސަފީރުގެ ވާހަކަފުޅުގައި، ރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ޒަމާންވީ އަޚްވަންތަކަމުގެ ގުޅުމަށް އެޤައުމުން ފަޚުރުވެރިވާ ކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެވޭނެ އިތުރު ދާއިރާތަކާ ބެހޭގޮތުންނާއި، ޚާއްޞަކޮށް ފަތުރުވެރިކަމުގެ ދާއިރާއާއި، ވިޔަފާރީގެ ދާއިރާއާއި، ޢިމާރާތް ކުރުމުގެ ދާއިރާގައި ގުޅުން ބަދަހިކުރެވޭނެ ގޮތްތަކުގެ މައްޗަށް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.