ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، އިންޑިޔާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ކަމަށް މާފަންނު ފުންފިނި އަލްފާޟިލް މުޙަންމަދު ނަޞީރު ޢައްޔަން ކުރައްވައި، އެމަނިކުފާނަށް ސަފީރު ކަމުގެ ފަތްކޮޅު މިއަދު ދެއްވައިފިއެވެ. ފަތްކޮޅު ދެއްވުން އޮތީ، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ފަތްކޮޅު ދެއްވުމަށްފަހު، މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ސަފީރަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެއާއި އިންޑީޔާއާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް ގުޅުން، މިހާރަށްވުރެ ބޮޑަށް ވަރުގަދަ ކުރައްވައި، ދިވެހިންނަށް އިތުރު ފައިދާއާއި މަންފާ ލިބޭނެ ގޮތަކަށް މަސައްކަތްޕުޅު ކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

އަލްފާޟިލް މުޙަންމަދު ނަޞީރު، އިންޑިޔާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ކަމުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ މި ޢައްޔަން ކުރެއްވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައިވާ ގޮތުގެ މަތިންނެވެ.