ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް، ޚާއްޞަކޮށް، ނައިފަރު މަދްރަސަތުލް އިފްތިތާޙަށް ގިނަގުނަ ޚިދްމަތްތަކެއް ކޮށްދެއްވާފައިވާ ފާދިއްޕޮޅު ނައިފަރު ތަންހަޅިގޭ އަލްފާޟިލް ޢަބްދުﷲ ޢަލީ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، އެ މަރްޙޫމްގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ޢަބްދުﷲ ޢަލީ އަވަހާރަވީ، ހިތްޕުޅުގެ އާލާސްކަންފުޅަކަށް ފަރުވާދެމުން ދަނިކޮށް މިދިޔަ ހުކުރު ދުވަހު ސްރީލަންކާގެ ލަންކާ ހޮސްޕިޓަލްގައެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ 87 އަހަރެވެ.
އަލްމަރްޙޫމް ޢަބްދުﷲ ޢަލީގެ އެއް ބޭފުޅެއް ކަމަށްވާ އަލްފާޟިލާ ޙާމިދާ ޢަބްދުﷲ އާ ރައީސުލްޖުމްހޫރިއްޔާ މިއަދު ހެނދުނު ފޯނުން ގުޅުއްވައި، މި ޚަބަރު އެއްސެވީ، ފުން ހިތާމައާ އެކުގައި ކަމަށް ވިދާޅުވެ، ޙާމިދާ ޢަބްދުﷲ އަށާއި، ޢާއިލާގެ ބޭފުޅުންނަށް ވަރަށް އިޚްލާސްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވިއެވެ.

އަލްމަރްޙޫމް ޢަބްދުﷲ ޢަލީއަކީ ނައިފަރު މަދްރަސަތުލް އިފްތިތާޙަށް ވަރަށް އިޚްލާޞްތެރި ޚިދްމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެ މަދްރަސާއަށް 64 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދްމަތް ކުރެއްވިއިރު، އެ މަދްރަސާގެ މުދައްރިސް ކަމާއި، ނާޒިރުގެ ނައިބު ކަމާއި، ނާޒިރު ކަމުގެ މަޤާމާއި، މުރުޝިދު ކަމުގެ މަޤާމުވެސް ފުރުއްވާފައިވެއެވެ. އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ތަޢުލީމުގެ ޚާއްޞަ އެހީތެރިޔާގެ މަޤާމުގައި ހުންނަވައިގެންވެސް އެ މަދްރަސާއަށް ޚިދްމަތް ކުރައްވާފައިވެއެވެ.

މި ދިގު މުއްދަތުގެ ތެރޭގައި، އެ މަދްރަސާގެ ކުރިއެރުމަށާއި ތަރައްޤީއަށް ޢަބްދުﷲ ޢަލީ ކޮށްދެއްވާފައިވާ ޚިދްމަތްތަކާއި މަސައްކަތްޕުޅުތަކަކީ، އެ މަދްރަސާގެ ތާރީޚުގައިވެސް ފާހަގަވެގެންދާނެ ޚިދްމަތްތަކަކާއި މަސައްކަތްޕުޅުތަކެކެވެ. އެތައް ގިނަ ދަތިތަކެއް ކުރިމަތިވެގެން، މަދްރަސާ ކުރިއަށް ގެންދެވޭނެ އެއްވެސް ގޮތެއް ނެތިގެންދިޔަ ދުވަސްވަރުވެސް މަދްރަސާ ހުއްޓާނުލައްވައި، ހިތްވަރާއެކު މަސައްކަތް ކުރައްވައި، މަދްރަސާ ކުރިއަށް ގެންދަވާފައިވެއެވެ.

ރާއްޖޭގެ ތަޢުލީމަށް ޚިދްމަތް ކުރެއްވުމުގެ ރޮނގުން 1981 ވަނަ އަހަރު ޢަބްދުﷲ ޢަލީއަށް ވަނީ ޢާންމު ޚިދްމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ. އަދި މިނިވަން 25ގެ އިނާމުވެސް އޭނާއަށްވަނީ 1990 ވަނަ އަހަރު ލިބިވަޑައިގެންފައެވެ.

އަލްމަރްޙޫމް ޢަބްދުﷲ ޢަލީއަކީ ނައިފަރު ކުޑަކަތީބުކަންވެސް ވަރަށް ދިގު މުއްދަތެއްގައި ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަކީ ލިޔުންތެރިއެއްވެސްމެއެވެ. ލިޔުއްވުންތައް ފެންނަންހުރީ، އޭނާގެ ޚިދްމަތާ ގުޅިފައިވާ ނައިފަރުގެ އަދަބީ ޖައްވުންނެވެ. ނައިފަރުގައި ޝާއިޢު ކުރެވުނު ތަފާތު މަޖައްލާތަކަށް އޭނާވަނީ އެކިއެކި ލިޔުންތައް ލިޔުއްވާފައެވެ.

ޢަބްދުﷲ ޢަލީ އަވަހާރަވިއިރު 8 ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ. އެއީ 5 އަންހެން ބޭފުޅުންނާއި، 3 ފިރިހެން ބޭފުޅުންނެވެ.