بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلحَمْـدُ لِلّـهِ، وَالصّـلاة وَالسّلام علـى أشرف الأنبياء والمرسلين، وعلى آلـه وصحبـه أجمعـين.

ފުރަތަމަވެސް، ދުވަހުގެ ތަހުނިޔާ ތިޔަ އެންމެހައި ބޭފުޅުންނަށް ދަންނަވަމުން، އަޅުގަނޑަށް މި ފަޚުރުވެރި ފުރުޞަތު ދެއްވިކަމަށްޓަކައި، ޕީ.އެސް.އެމް.ގެ ހުރިހާ މުވައްޒަފުންނަށް އަޅުގަނޑު ވަރަށް އިޚުލާސްތެރި ޝުކުރެއް ދަންނަވަން. ޝުކުރިއްޔާ ވަރަށް ބޮޑަށް.

އާދެ، ތިޔަބޭފުޅުން ފާހަގަކުރައްވަމުން ތިޔަ ގެންދަވާ ނޫސްވެރިކަމުގެ ދުވަހަކީ، އަޅުގަނޑުމެން އެންމެންގެ ހިތްތަކާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ދުވަހެއް. އަޅުގަނޑުމެންގެ ދުވަސް ތަރުތީބުވެގެން އަންނައިރުގައި، އަޅުގަނޑުމެން މި ނޭވާލާލުމަށް ވަރަށް ބޮޑު ތަސައްލީއެއް، ނޫނީ އޭގެ އުނދަގޫތަކެއް ތަހައްމަލު ކުރުމަށް މަގުފާރު ހުޅުވާލާ ކަމެއްގެ ވާހަކަ އަޅުގަނޑުމެން މިދައްކަނީ.

އެހެންކަމުން، ތިޔަބޭފުޅުން ރެޔާއިދުވާލު ތިޔަ ކުރައްވަނީ ވަރަށް ބުރަ، ވަރަށް މިންނެތް މަސައްކަތްތަކެއް، ރައްޔިތުންނަށް ކަންކަން އޮޅުންފިލުވައިދިނުމަށްޓަކައި. ކެމެރާގެ ފުރަގަހުގައި އަދި ކެމެރާގެ ކުރިމަތީގައިވެސް، ދެގޮތެއްނުވެ ތިޔަ ދައްކަވާ ހިތްވަރަށްޓަކައި އަޅުގަނޑު އިޚްލާސްތެރި ޝުކުރެއް ތިޔަބޭފުޅުންނަށް ދަންނަވަން.

ރެޔާއިދުވާލު ތިޔަ ކުރައްވާ މަސައްކަތުގެ ސަބަބުން، މުޖުތަމަޢުގައި ހުރި ގިނަގުނަ ކަންތައްތަކެއް، ސަރުކާރާއި ރައްޔިތުންނާ ގުޅުވައިދީ އަދި ރައްޔިތުންނާއި ސަރުކާރާ ގުޅުވައިދިނުމުގެ މި މައި ދޮރު، މި ފާލަން ތިޔަ ބޭފުޅުން ސާބިތުކަމާ އެކީގައި އެއްގޮތެއްގައި ދަމަހައްޓަވާ ދެމެހެއްޓެވުމަކީ، މުޖުތަމަޢު، ދުޅަހެޔޮ ޞިއްޙަތެއްގައި ބޭއްވުމަށްޓަކައި ކުރެވޭ ވަރަށް ބުރަ މަސައްކަތެއް ކަމުގައިވެސް މި ފުރުޞަތުގައި އަޅުގަނޑު ފާހަގަކުރަން.

އާދެ! ޕީ.އެސް.އެމް. އަށް 7 އަހަރު ވެގެން މިދާ ދިޔުމުގައި، މިއުފާވެރި ދުވަހު އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، މަޤްބޫލު ޗެނަލަކަށް މި ޗެނަލް ވެފައިވާކަން. އަދި ޚާއްޞަ ގޮތެއްގައި ދުނިޔޭގެ ކަންކޮޅުތަކުން މި ގެންނަ، ތިޔަބޭފުޅުން ޚާއްޞަ ގޮތެއްގައި ތިޔަ ގެންނަވާ ޕުރޮގުރާމު، އަޅުގަނޑު ނަން ހަނދާނެއް ނެތް، ނަމަވެސް "ކަޅި"، މި ފަހަތު ނަން އަޅުގަނޑު ހަނދާން މިވީ. އެ ޕުރޮގުރާމު ވެގެން މިދިޔައީ ވަރަށް މަޤްބޫލު ޕުރޮގުރާމަކަށް އިނގޭތޯ. އެ ޕުރޮގުރާމުގެ ސަބަބުން ވަރަށް ތާޒާ ޚަބަރު އަޅުގަނޑުމެންނާ ހަމައަށް އެބަ ލިބޭ. އަދި މީގެ 7 އަހަރު ކުރިން، އަޅުގަނޑުވެސް އޭރު ޕަރލިއެމެންޓޭރިއަނަކަށް ހުރިއިރުގައި ފާހަގަކުރެވިގެންދިޔަ. އޭރު ދާއިމީ ގޮތެއްގައި ދިވެހިރާއްޖޭގެ އަޑާއި، ޓީ.ވީ.އެމް. ގެ ނަމުގައި މި ހިންގަމުން އައީ. އަޅުގަނޑުމެންގެ ޝައުޤުވެރިކަން ހުންނަ ކަންކަމުގައި، ލަވަ، މުނިފޫހިފިލުވުން، ކުޅިވަރު، ދީނީ، ނޫނީ އަޅުގަނޑުމެން ބޭނުންވާ ކަހަލަ މަޢުލޫމާތު ހޯދާލަންވެސް އަޅުގަނޑުމެންގެ ލޮލާއި ކަންފަތް ހުއްޓާލައިގެން ތިބެން މި ޖެހެނީ އެއްދިމާއަކަށް. އެހެންނަމަވެސް، ދައުލަތުގެ މީޑީއާ ތެރެއިން، ޗެނަލްތައް ހުޅުވިގެން އެ ޝައުޤުވެރިކަން ހުންނަ ބޭފުޅުން، އެ ބޭފުޅަކު ބޭނުންވާ ދިމާއެއްގެ ޚަބަރުތައް އެ ބޭފުޅަކަށް ތާޒާކަމާއެކީ ލިބިގެން ދިޔުމުގެ ފުރުޞަތު، މީގެ 7 އަހަރު ކުރިން ހުޅުވިގެން މިހިސާބަށް އައިއިރު އަޅުގަނޑު މި ދެންނެވި ކާމިޔާބީތަކެއް މިއޮތީ ހާސިލުކުރެވިފައި.

އިތުބާރާއި ޔަގީންކަން ދެމެހެއްޓުން، ދެން ޒިންމާއަކަށް މިއޮތީ. އެކަމުގައި ގާބިލު ބޭފުޅުން މިތަނުގައި އެބަ ތިއްބެވި. އެކަން ކުރެއްވޭނެ ކަމުގެ ހުނަރުވެރި ބޭފުޅުން އެބަ ތިއްބެވި. އެހެންވީމާ، ސަރުކާރުގެ އަމާޒަކަށް މިއަދު ވެފައި ވަނީ، ރައްޔިތުން އިތުބާރު ކުރައްވައި، ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒާ ހަވާލުކުރެއްވި ޒިންމާތައް އަދާކުރުން. އެ މަނިކުފާނު އިންތިޚާބީ ރައީސެއްގެ ހައިސިއްޔަތުން، އިންތިޤާލީ މަރުޙަލާގައި ވަނީ ތިޔަބޭފުޅުންނަށް ވަރަށް އުންމީދީ ވާހަކަފުޅުތަކެއް ހިއްސާ ކުރައްވާފައި. އެއީ، ޙަޤީޤީ މާނައިގައި އެކަން ތަންފީޒު ކުރުއްވުމަށްޓަކައި އެ މަނިކުފާނު އެ ހުންނެވީ ވަރަށް ކެރިވަޑައިގެން އަދިވެސް އެގޮތުގައި ސާބިތުކަންމަތީ. އިރާދަކުރެއްވިއްޔާ އެކަންކަން ތަންފީޒު ކޮށްދެއްވާނެ. އަމިއްލަ ފައިމައްޗަށް، މީޑީއާ ތެދުވުމުގެ ފުރުޞަތު އެ މަނިކުފާނު ހޯއްދަވައި ދެއްވާނެ.

އެހެންވީމާ، އަދިވެސް އެއްފަހަރު، އަޅުގަނޑަށް މިފަދަ ފުރުޞަތެއް ތިޔަބޭފުޅުން ދެއްވި ކަމަށްޓަކައި ޝުކުރު ދަންނަވަމުން ވާހަކަ ކުރުކޮށްލާނަން. މި ދުވަހުގެ ތަހުނިޔާ ހުރިހާ ބޭފުޅުންނަށް އަރިސްކުރަން.

ޝުކުރިއްޔާ ވަރަށް ބޮޑަށް.