މިއަދަކީ، ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ކަމަށްވުމާއެކު، މިއަދުގެ މުނާސަބަތުގައި ރާއްޖޭގެ އެންމެހާ އަންހެނުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން، ރާއްޖޭގައިވެސް މިދުވަސް މި ފާހަގަކުރަނީ، އަންހެނުންގެ މިއަދުގެ ޙާލަތާއި، އެކަނބަލުންނަށް ލިބެމުންދާ ކުރިއެރުންތައް ވަޒަންކޮށް، ކުރިމަގަށް އަމާޒުކޮށްގެން، އެކަނބަލުންނަށް ކުރިއަށް ދިޔުމުގެ އިތުރު ފުރްޞަތުތައް ހޯދައިދީ، އެކަމުގައި ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ހޯދުމަށްޓަކައިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވައެވެ.

މުޖުތަމަޢުގައި އަންހެނުންނާއި ފިރިހެނުންގެ ހަމަހަމަކަން ޤާއިމު ކުރުމަށް ކުރެވޭ މަސައްކަތްތަކަކީ، ސަރުކާރުން ވަރަށްބޮޑު އަހަންމިއްޔަތު ކަމެއް ދެއްވާ ކަމެއް ކަމާއި، ޤައުމުގެ ތަރައްޤީއަށް ރާއްޖޭގެ އަންހެން ކަނބަލުންގެ ފަރާތުން ލިބޭ ޙިއްޞާ، ދުވަހުން ދުވަހަށް އިތުރުވަމުންދާކަން އެއީ، ޤައުމަށް ލިބޭ ވަރަށްބޮޑު ކުރިއެރުމެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވައެވެ. އަދި ތަރައްޤީގެ މަޝްރޫޢުތައް ރާވައި ހިންގުމުގައާއި، ޤައުމު ބިނާކުރުމުގެ ހުރިހާ ދާއިރާއެއްގައި މަސައްކަތްކުރަމުން ގެންދާ އަންހެނުންގެ ޢަަދަދު، އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުން އަންނަކަމީ، އަންހެނުންނާ ދޭތެރޭ ކުރިން ގެންގުޅެވުނު ވިސްނުން ބަދަލުވަމުން އަންނަކަމުގެ ހެތްކެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވައެވެ.