ޢިމާދުއްދީން ސްކޫލަށް ދިމާވެފައިވާ ކުނިކޮށީގެ ދުމުގެ މައްސަލައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، މިއަދު އެ ސްކޫލަށް ޒިޔާރަތް ކުރައްވައި އެ ސްކޫލުގެ ހާލަތު ބައްލަވާލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ކުރެއްވި ޒިޔާރަތުގައި، އެ ސްކޫލުގެ އިސްވެރިންނާއި ސްކޫލް ބޯޑުގެ މެންބަރުންނާ ބައްދަލުކުރައްވައި، ކުނިގޮނޑުން އަރާ ދުމާއި ވަހުގެ ސަބަބުން އެ ސުކޫލަށް ދިމާވެފައިވާ އުނދަގޫތަކާއި ދަތިތަކާބެހޭ މަޢުލޫމާތު އޮޅުން ފިލުއްވިއެވެ. އަދި މި މައްސަލަ ޙައްލުކުރެއްވުމަށްޓަކައި، އެޅިދާނެ ފިޔަވަޅުތަކާބެހޭގޮތުންވެސް މަޝްވަރާ ކުރެއްވެވިއެވެ.

ޢިމާދުއްދީން ސްކޫލަށް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތް ކުރެއްވުމަށްފަހު، ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން، ތަކުރާރުކޮށް މި ސްކޫލުގެ ކުދިންނަށް ދުމުގެ އަސަރު ފޯރަމުން އައިސް، އެންމެ ފަހުން ޢާންމު ޞިއްޙީ ބޮޑު މައްސަލައަކަށްވެއްޖެ ކަމުގައި ވިދާޅުވިއެވެ. އަދި މި މައްސަލަ ޙައްލުކުރުމަށްޓަކައި ސިޓީ ކައުންސިލާ ގުޅިގެން ސަރުކާރުން މަސައްކަތްތަކެއް ކުރެއްވުމަށް ނިންމަވާފައިވާ ކަމުގައި ވިދާޅުވިއެވެ. މިގޮތުގެ މަތިން އެމް.ޓީ.ސީ.ސީ އާ މި މަސައްކަތް މިހާރު ހަވާލުކުރައްވައިފިކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެ، ކުނިގޮނޑު ސާފުކުރުމަށްފަހު، އެތަނަކީ ކުނި ނޭޅޭ ތަނަކަށް ހެއްދެވުމަށް ނިންމަވާފައިވާކަން ހާމަކުރެއްވިއެވެ. އަދި ކުނިގޮނޑު ސާފުކުރެއްވުމަށްފަހު، އެތަނުގައި ތަޢުލީމީ ޢިމާރާތެއް ބިނާކުރެއްވުމަށް ގަސްދުކުރައްވާފައިވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ޢިމާދުއްދީން ސްކޫލަށް ޒިޔާރަތްކުރެއްވުމަށްފަހު، ކުނިގޮނޑު ސަރަޙައްދަށް ވަޑައިގެން އެތަން ބައްލަވާލެއްވިއެވެ.