ވެނެޒުއޭލާގެ ރައީސް ހޫގޯ ޗާވޭޒް އަވަހާރަވުމާ ގުޅިގެން، ވެނެޒުއޭލާގެ ވަގުތީ ރައީސް ނިކޮލަސް މަޑޫރޯއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ވެނެޒުއޭލާގެ ވަގުތީ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖްގައި، އެޤައުމުގެ ރައީސް އަވަހާރަވި ޚަބަރު އެއްސެވީ، ފުން ހިތާމައާ އެކުގައި ކަމަށް ވިދާޅުވެފައިވެއެވެ. އަދި ރައީސް ޗާވޭޒްއަކީ ވެނެޒުއޭލާއަށް އަގުހުރި ޚިދްމަތްތަކެއް ކޮށްދެއްވި، އަދި ޚާއްޞަ ގޮތެއްގައި، އިޖްތިމާޢީ ތަރައްޤީއާއި، ފަޤީރުކަން ނައްތާލުމަށާއި، އިންސާނީ ޙައްޤުތަކުގެ އުޞޫލުތައް އިތުރަށް ހަރުދަނާ ކުރެއްވުމަށް މަސައްކަތްޕުޅު ކުރެއްވި ބޭފުޅެއް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖްގައި، ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ވެނެޒުއޭލާގެ ވަގުތީ ރައީސަށާއި، އެޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ. އަދި ރައީސް ހޫގޯ ޗަވޭޒްގެ ޢާއިލާގެ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާގެ އިޚްލާޞްތެރި ތަޢުޒިޔާ ރައްދުކޮށްދެއްވުމަށްވެސް އެދިވަޑައިގެންފައިވެއެވެ.