އޯ ލެވެލް އިމްތިޙާނުގަޔާއި އޭ ލެވެލް އިމްތިޙާނުގައި އެކި މާއްދާތަކުން މުޅި ދުނިޔެއިން 1 ވަނަ ހޯދާ ދަރިވަރުންނަށް، މިއަހަރުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ މެޑެލްގެ ނަމުގައި ޚާއްޞަ މެޑެލެއް ދެއްވުމަށް ނިންމަވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި އިއްޔެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި، ތަޢުލީމީ ދާއިރާއިން ވޭތުވެދިޔަ އަހަރު ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، އޯ ލެވެލް އިމްތިޙާނުގައި މިހާތަނަށް ތަޖުރިބާ ކުރެވުނު އެންމެބޮޑު ކުރިއެރުން ހޯދާފައިވަނީ މިދިޔަ އަހަރުކަމަށް ވިދާޅުވިއެވެ. އަދި މުޅި ދުނިޔެއިން 1 ވަނައަށް ހޮވާލެވޭ ދަރިވަރުންގެ ޢަދަދުވެސްދަނީ އިތުރުވަމުންކަން ފާހަގަކުރެއްވިއެވެ.

ޞިއްޙީ ޚިދުމަތުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، ވޭތުވެދިޔަ ކުރު މާޒީގައި ޞިއްޙީ ޚިދުމަތުގެ ނިޒާމު ވަރަށް ބޮޑަށް ރޫޅި، ހީނަރުވެފައިވުމުގެ ސަބަބުން ޞިއްޙީ ދާއިރާ އަލުން ތަރުތީބުކޮށް، އިންތިޒާމުތައް ހަމަޖެއްސުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާކަމަށް ވިދާޅުވިއެވެ. އަދި، ރައްކާތެރި ބޯފެނާއި އެކަށީގެންވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ގޮތުން މިއަހަރު ސަރުކާރުގެ ޚަރަދުގަޔާއި ބޭރުގެ ލޯން އެހީގައި 45 ރަށެއްގައި ނަރުދަމާ ނިޒާމާއި، 10 ރަށެއްގައި ފެނުގެ ނިޒާމް ޤާއިމު ކުރުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިޞާދުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލައްވަމުން، އިޤްތިޞާދީ ހާލަތު ރަނގަޅު ކުރުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ރާއްޖޭގެ އުފެއްދުންތެރިކަމުގެ ޤައުމީ މިންގަނޑު (ޖީ.ޑީ.ޕީ)ގެ ދުވެލި 2012 ވަނަ އަހަރުވަނީ 3.4 އިންސައްތަ ކުރިއަރާފައިކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި މިއަހަރު މި ޢަދަދު 4.3 އިންސައްތައަށް މައްޗަށްދާނެ ކަމަށް ލަފާކުރެވިފައިކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ރިޔާސި ބަޔާން ކުރިއަށް ގެންދަވަމުން، ޤައުމުގެ އިޤްތިޞާދަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ކަމަކީ ގިނަ ޞިނާޢަތްތަކެއް އެކުލެވޭ އިޤްތިޞާދެއް ބިނާކުރުންކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި، ރާއްޖޭގެ އިޤްތިޞާދީ ޞިނާޢަތްތައް އިތުރުކުރުމަށްޓަކައި ކަމާގުޅޭ ސްޓްރެޓެޖީއެއް އެކުލަވައިލުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސި ބަޔާނުގައި، ތެލަށް ބަރޯސާވެފައިވާ ރާއްޖޭގެ ކަރަންޓުގެ ޚިދުމަތް އިޢާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ރޭވިފައިވާ މަޝްރޫޢުގެ ދަށުން 10 ރަށެއްގެ ކަރަންޓުގެ ނިޒާމު، އިޢާދަކުރަނިވި ހަކަތައަށް މުޅިން ބަދަލުކުރެވި، 15 ރަށެއްގެ ކަރަންޓުގެ ނިޒާމް ޒަމާނީ ފެންވަރަށް ތަރައްޤީކުރެވި، އަދި 30 ރަށެއްގެ ކަރަންޓުގެ ބޮޑުބައެއް އިޢާދަކުރަނިވި ހަކަތައަށް ބަދަލުކުރެވިގެންދާނެކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން، ރަށްރަށުގެ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ދަށުން 69 ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތާއި، 17 ރަށެއްގެ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ހިނގަމުން އެބަދާ ކަމަށާއި، 8 ރަށެއްގެ ގޮނޑުދޮށް ޙިމާޔަތް ކުރުމާއި، 3 ރަށެއްގައި ފާލަން އެޅުމުގެ މަސައްކަތްވެސް ހިނގަމުން އެބަދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙުތަކެއް ގެނައުމަކީ، މުހިންމުކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި އެ އިޞްލާޙުތައް މިއަހަރުގެ ފަހުކޮޅުގައި ބޭއްވޭ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުތައް ބޭއްވުމުގެ ކުރިން ގެނައުމަކީ، ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ދެކެވަޑައިގެން، އެމަސައްކަތް ކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަރިހުން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.