އަޅުގަނޑުމެންގެ ހިތްތަކުގައި ދިވެހިބަހަށް އޮތް ލޯބި އިތުރުކޮށް، އެންމެންނަކީވެސް ބަހަށް އިޙްތިރާމްކުރާ އަދި ރީތި ދިވެހިބަހުން ވާހަކަ ދައްކާ ބަޔަކަށް ހެއްދެވުމަށްޓަކައި ޤައުމީ ފެންވަރެއްގައި ޚާއްޞަ މަސައްކަތްތަކެއް ފަށްޓަވައި ދެއްވުމަށް ދިވެހިބަހުގެ އެކަޑަމީއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު އިލްތިމާސް ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިލްތިމާސް ކުރެއްވީ، ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަހާ ގުޅިގެން، ދިވެހިބަހަށްޓަކައި އަޑު އުފުލުމުގެ ގޮތުން، ދިވެހިބަހުގެ އެކަޑަމީން އިންތިޒާމު ކުރައްވައިގެން، މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވެވި [ޚާއްޞަ ހަވީރު] ގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިކަމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުންނާއި، ސަރުކާރުގެ އެހެން އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުންނާއި، މީޑިއާގެ ވަސީލަތްތަކުންނާއި، އަމިއްލަ ފަރުދުންނާއި، އެކިއެކި ޖަމްޢިއްޔާ ޖަމާޢަތްތަކުން ފުރިހަމަ އެއްބާރުލުމެއް ދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ. އަދި ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނުގައި ބަޔާންވެގެންވާ ގޮތުގެ މަތިން، ދިވެހި ދައުލަތުގެ ރަސްމީ އެންމެހާ މުޢާމަލާތްތައް، ދިވެހިބަހުން ކުރެއްވުމަށް ސަރުކާރުގެ އިދާރާތަކަށާއި، ދައުލަތުގެ ހުރިހާ މުއައްސަސާތަކަށްވެސް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިބަސް ޙިމާޔަތްކޮށް ރައްކާތެރި ކުރުމަކީ، ހަމައެކަނި ވަކި މުއައްސަސާއެއްގެ ވާޖިބެއް ކަމަށް ދެކިގެން ނުވާނެ ކަމަށާއި، އެއީ މުޅި ޤައުމުގެ މައްޗަށް އޮތް ވާޖިބެއް ކަމުގައި ވިދާޅުވިއެވެ. އެހެންކަމުން، ދިވެހިބަހުގެ އެކަޑަމީން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި، ހުރިހާ ފަރާތްތަކުން އެއްބާރުލުން ދެއްވައި، ބަހަށް އިސްކަން ދިނުމަށް ކުރަންޖެހޭ ކަންތައްތައް، ފަރުދީ ފެންވަރުގައި ކުރުމުގެ އިތުރުން، މުޅި މުޖްތަމަޢުގެ އެއްބާރުލުމާއި އެހީތެރިކަމާއެކު، މިމަސައްކަތްތައް ކުރިއަށް ގެންދިޔުމަކީ، ބަހަށް ކޮށްދެވޭނެ ވަރަށްބޮޑު ޚިދްމަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދިވެހިބަހަށްޓަކައި މިއަދު އަޑު އުފުލަމުން ގެންދާއިރު، އިންސާނީ ވަސީލަތްތައް ތަރައްޤީކޮށް ކުރިއެރުވުމުގައި، އަދި ޤައުމުގެ ތަރައްޤީއަށް ބޭނުންވާ އެކިއެކި ދިރާސާ ކުރުމުގައި ދިވެހިބަސް ވަރަށް މުހިންމު ދައުރެއް އަދާކުރަމުން ގެންދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި، ޒަމާނަށް އަންނަ ބަދަލުތަކާއެކު، ބަހަށްވެސް ކުރިއެރުންތަކެއް ލިބި، ބަސް ތަރައްޤީވެގެންދާނެއެވެ. އަދި ބަސް ކުރިއަރުވައި ދިރުވުމަށް މަސައްކަތްތަކެއް ކުރަމުން ނުދާނަމަ، މި ރީތި ދިވެހިބަސް ވަޅުޖެހިގެން ދިޔުމަކީ ވަރަށް ގާތުގައި އޮންނާނޭ ކަމެކެވެ.

ދިވެހިންގެ މެދުގައި ޚާއްޞަކޮށް، ޒުވާނުންގެ ތެރޭގައި، ދިވެހިބަހުން މުޢާމަލާތު ކުރަމުންދާއިރު، ބަހާ ދޭތެރޭގައި އިހުމާލުވަމުންދާތަން މިއަދު ފެންނަމުންދާތީ، އެކަމާ ވަރަށް ހިތާމަ ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ބަހުގެ ހަމަތަކަށް ބަލައިލުމެއްނެތި ވާހަކަ ދައްކައި ނުވަތަ ލިޔެ ހަދަމުން ގެންދާނަމަ، އެކަމުން މުޅި މުޖްތަމަޢަށް ކުރާނެ ނޭދެވޭ އަސަރާ ދޭތެރޭގައިވެސް ޚިޔާލުކުރަން އެބަޖެހޭ ކަމަށް ވިދާޅުވެ، ޚާއްޞަކޮށް، މައިންބަފައިންނާއި، ބެލެނިވެރިންނާއި މުދައްރިސުން މިކަމަށް ވަރަށްބޮޑު ސަމާލުކަމެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. އަދި ކުދިން ޝައުޤުވެރިވާ ގޮތަށް ދިވެހިބަސް ކިޔަވައިދެއްވުމަކީ، މުދައްރިސުންނާއި، ތަޢުލީމީ ދާއިރާގެ ހިންގުންތެރިން މިއަދު ވަރަށްބޮޑު ސަމާލުކަމެއް ދެއްވަން ޖެހިފައިވާ ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ދިވެހިބަހުން ވާހަކަ ދެއްކުމުގައި، ބޭރުބަސް ބޭނުންކުރުމުގެ ބަދަލުގައި، ދިވެހިބަހެއް އޮތްތޯ ބަލައި، ދިވެހިބަސް ވީހާވެސް ބޮޑަކަށް ބޭނުންކުރުމަކީ، ބަހަށް ލިބޭ ވަރަށްބޮޑު ކުރިއެރުމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރާއްޖޭގައި ގިނަ ޢަދަދެއްގެ ބިދޭސީން އުޅުމުގެ ސަބަބުން އެމީހުންގެ ބަހުރުވައާއި، ވާހަކަ ދެއްކުމުގެ ގޮތްތައް، އަޅުގަނޑުމެންގެ ޅަދަރިންނަށް ނަގައިގަނެވި، އެގޮތަށް ދިވެހިބަސް ބޭނުންކުރުމުން، ދިވެހިބަހަށް ވަރަށް ނޭދެވޭ ބޮޑެތި ބަދަލުތަކެއް އަންނަމުންދާކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިބަހަށްޓަކައި އިޚްލާޞްތެރި ޚިދްމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅުންގެ މަތިން ހަނދާންކޮށް، އެބޭފުޅުން ދިވެހިބަހަށްޓަކައި އެކުރެއްވި މަސައްކަތްޕުޅުތަކަކީ، މިއަދުވެސް އަދި އަންނަން އޮތް ޖީލުތަކަށްވެސް ފެންނަން ޖެހޭނެ މަސައްކަތްޕުޅުތަކެއް ކަމަށް ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ދިވެހިބަހާއި ބަހުގެ އަދަބިއްޔާތުގެ ރޮނގުންނާއި، ޅެންވެރިކަމަށް ޚިދްމަތް ކުރުމުގެ ރޮނގުންނާއި، ވާހަކަ ދެއްކުމާއި، ވާހަކަ ލިޔުމުގެ ރޮނގުން އެބޭފުޅުން ކޮށްދެއްވާފައިވާ އަގުބޮޑު މަސައްކަތްޕުޅުތައް، މަދްރަސާތަކުގެ ދަރިވަރުންނަށާއި، ދިވެހިބަހުގެ ދިރާސާތައް ކުރައްވާ ފަރާތްތަކަށާއި، ދިވެހިބަހަށް ލޯބިކުރާ ފަރާތްތަކަށް، ފަސޭހައިން ފެންނާނެ ގޮތެއް ހަމަޖެއްސުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވައިލެއްވިއެވެ. އަދި ދިވެހިބަހުގެ އެކަޑަމީން މިކަމާ ދޭތެރޭގައި ވިސްނާވަޑައިގެން، ދިވެހިބަހުގެ އަދީބުންގެ ޚިދްމަތްތައް ދިރުއްވުމަށް، ދިވެހިބަހުގެ އެކަޑަމީން ޚާއްޞަ މަސައްކަތްތަކެއް ކޮށްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ދިވެހިބަހަށްޓަކައި އަޑު އުފުލުމުގެ ގޮތުން މިއަދު ބޭއްވެވި [ޚާއްޞަ ހަވީރު] ގައި [ދިވެހިބަހަށްޓަކައި މުޅި ޤައުމު] މި ޝިޢާރުގެ ދަށުން މުޅި ޤައުމު، 30 ސިކުންތުގެ އަތުގުޅާލުމުގެ ވަގުތުކޮޅެއް ގެނައެވެ. އަދި ސްކޫލްތަކުގެ ދަރިވަރުންގެ ޝުޢޫރު ފާޅުކުރުމާއި، ޤައުމުގެ ތަފާތު މުއައްސަސާތަކުން ދިވެހިބަހާމެދު ޝުޢޫރު ފާޅުކުރުން، މި ހަވީރުގައި އޮތެވެ.

މި ޙަފްލާގައި، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާޞިމް އަޙްމަދާއި، ދިވެހިބަހުގެ އެކަޑަމީގެ ރައީސް އަލްފާޟިލް އަޝްރަފް ޢަލީއާއި، ދިވެހިބަހުގެ އެކަޑަމީގެ މެންބަރު އަލްފާޟިލް ޢަބްދުއްރަޝީދު ޙުސައިނާއި، ތަޢުލީމީ ދާއިރާގައި ވަރަށްގިނަ ދުވަހު ޚިދްމަތް ކުރައްވާފައިވާ މުދައްރިސެއް ކަމަށްވާ އަލްފާޟިލް އިބްރާހީމް ފައުޒީވެސް ވާހަކަފުޅު ދެއްކެވިއެވެ.