ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސިންގަޕޫރުގެ 60ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް ހިޒް އެކްސެލެންސީ ތަރްމަން ޝަންމުގަރަނަމް އާއި ބޮޑުވަޒީރު ހިޒް އެކްސެލެންސީ ލޯވްރެންސް ވޮންގްއަށް ތަހުނިޔާ އާއި ހެޔޮ އެދުންތައް ފޮނުއްވައިފިއެވެ.
ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި ސިޓީފުޅުތަކުގައި، ސިންގަޕޫރުގެ ސަރުކާރާއި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވެވުމުގެ އިތުރަށް، ދިވެހިރާއްޖޭގެ 60ވަނަ މިނިވަންދުވަހު އެޤައުމުން ވިދާޅުވި ތަހުނިޔާއަށް ޝުކުރުއަދާކުރައްވާފައިވެއެވެ.
ވޭތުވެެދިޔަ 60 އަހަރުގެ ތެރޭގައި ސިންގަޕޫރުން ހޯދާފައިވާ ކާމިޔާބީތަކަކީ ދުރުވިސްނޭ ވެރިންނާއި، އެއްބައިވަންތަކަމާއި، ރައްޔިތުންގެ ވިލުންތެރިކަމުގެ މައްޗަށް ބިނާވެފައިވާ ކުރިއެރުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، އެމަނިކުފާނު ސިންގަޕޫރަށް ކުރެއްވި ރަސްމީ ދަތުރުފުޅަކީ ދެޤައުމުގެ ގުޅުން އެކި ދާއިރާތަކުން އިތުރަށް ބަދަހިވި ދަތުރުފުޅެއްކަމަށާއި، ދިވެހިރާއްޖެއިން ދެޤައުމުގެ ލާބައަށް މިގުޅުން އިތުރަށް ބަދަހިކުރާނޭކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅު ނިންމަވާލައްވާފައިވަނީ ސިންގަޕޫރުގެ ރައީސާއި ބޮޑުވަޒީރަށް ދުޅަހެޔޮ ސިއްޙަތަކާއި އުފާވެރިކަން އެދިވަޑައިގެން، އެޤައުމަށާއި ޤައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވަމުންނެވެ.
މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ މަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓު މެދުވެރިކުރައްވައި އާންމުކުރެއްވި މެސެޖެއްގައިވެސް، ދެޤައުމުގެ މެދުގައި ބަދަހިވަމުންދާ ގުޅުމާއި، ދެޤައުމުގެ ލާބައަށް ކުރެވެމުންދާ ކަންކަން ފާހަގަކުރައްވައި އެކަމަށް މަރުޙަބާ ވިދާޅުވެފައެވެ.