ސަފާރީ ޔޮޓްފަހަރަށް ރައްކާތެރި ބަނދަރެއް ހެއްދެވުމަށްޓަކައި މާލޭ ސަރަޙައްދުގައި ޔޮޓްމެރީނާއެއް ޤާއިމް ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މިކަން މިގޮތަށް ނިންމެވީ، މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި، ސަފާރީ ޔޮޓްފަހަރަށް ރައްކާތެރި ބަނދަރެއް ކަނޑައެޅުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަނުން ހުށަހެޅުއްވި ކަރުދާހެއްގެ މައްޗަށް މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

މިއަދުގެ ޖަލްސާގައި، މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ސަފާރީ ޔޮޓްގެ ގޮތުގައި މިހާރު ބޭނުންކުރާ 140 އަށްވުރެ ގިނަ އުޅަނދު އޮތްކަމާއި އަދި ކޮންމެ އަހަރަކު މި ޞިނާޢަތަށް 5 އުޅަނދު އިތުރުވެގެންދާކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން، ސަފާރީ ޔޮޓްތައް އިތުރުވަމުންދިޔުމާއި އަދި މިއީ ރާއްޖެއަށް އެންމެ ގިނައިން ބޭރުފައިސާ ވަންނަ އެއްދޮރު ކަމަށްވުމާއެކު، ސަފާރީ ޔޮޓްފަހަރަށް ރައްކާތެރި ބަނދަރެއް ކަނޑައެޅުއްވުމަކީ، ރާއްޖެއަށް އިޤްތިޞާދީ ގޮތުންވެސް ގިނަގުނަ ފައިދާތަކެއް ލިބޭނެ ވަރަށް މުހިންމު ކަމެއް ކަމަށް މެންބަރުން ވިދޅުވިއެވެ.

މިކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހު ވަޒީރުންގެ މަޖިލީހުން ނިންމެވީ، ޔޮޓްމެރީނާއެއް ޤާއިމް ކުރުމުގެ މަސައްކަތް ބީލަމަށް ހުޅުއްވާލައްވައިގެން، އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށް، އެމަސައްކަތް ޙަވާލުކުރެއްވުމަށެވެ.