ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް، ފަރަންސޭސިވިލާތުގައި ހުންނަވާ ދިވެހިރާއްޖޭގެ އޮނޮރަރީ ކޮންސަލް ޑޭވިޑް ސަލްކިން މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ މިހާރުގެ އިޤްތިޞާދީ ޙާލަތާ ބެހޭ މަޢުލޫމާތު، ރައީސުލްޖުމްހޫރިއްޔާ، އޮނަރަރީ ކޮންސަލްއާ ހިއްސާ ކުރެއްވިއެވެ. އަދި ރާއްޖޭގެ އިޤްތިޞާދު ރަނގަޅުކުރެއްވުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާބެހޭ މަޢުލޫމާތުވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި، ފަރަންސޭސިވިލާތުގެ ސަރުކާރުގެ އެހީގައި ރާއްޖޭގައި ކުރިއަށްދާ އެކިއެކި މަޝްރޫޢުތަކާ ބެހޭގޮތުން ދެބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ. އަދި ދިވެހިރާއްޖެއާއި ފަރަންސޭސިވިލާތާ ދެމެދު އޮތް ގާތް ގުޅުން ކުރިއަށް އޮތް ތާނގައި ބަދަހިކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުންނާއި، ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާ ބެހޭގޮތުންވެސް ވާހަކަފުޅު ދެއްކެވިއެވެ.