ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް، އ.ދ.ގެ ސްޕެޝަލް ރެޕެޓުއަރ އޮން ދަ އިންޑެޕެންޑެންސް އޮފް ޖަޖަސް އެންޑް ލޯޔަރަސް ގެބްރިއެއްލާ ނައުލް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ޝަރުއީ ނިޒާމް އިތުރަށް ތަރައްޤީ ކުރެއްވުމަށް ކުރެއްވެން ހުރި ކަންތައްތަކާބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރުމަށްޓަކައި ޝަރުއީ ނިޒާމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލައްވައި، އ.ދ. ގެ އެހީތެރިކަމާއި އެއްބާރުލުމާއެކު، މި ދާއިރާ އިތުރަށް ތަރައްޤީ ކުރެވިދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ޝަރުޢީ ނިޒާމް ވަރުގަދަކޮށް އިތުރަށް ބާރުވެރިކުރުވުމަށްޓަކައި އ.ދ.އިން ތައްޔާރުކުރަމުންގެންދާ ރިޕޯޓާބެހޭ މަޢުލޫމާތު، މި ބައްދަލުކުރެއްވުމުގައި، ގެބްރިއެއްލާ ނައުލް ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ.