ރާއްޖޭގައި ޑިމޮކްރަސީ ކުރިއެރުވުމަށް ކުރެއްވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރައްވާނެ ކަމުގެ ޔަޤީންކަން، ދިވެހި ރައްޔިތުންނަށާއި ބައިނަލްއަޤްވާމީ މުޖުތަމަޢަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ޔަޤީންކަން ދެއްވީ، އެމަނިކުފާނު މިރޭ ނެރުއްވި ބަޔާނެއްގައެވެ.

އިނގިރޭސި ބަހުން މިނެރުއްވި ބަޔާނުގައި، ރާއްޖޭގައި މިއަހަރު ބޭއްވޭ ރިޔާސީ އިންތިޚާބަކީ، މިނިވަން، އިންސާފުވެރި އަދި ސިޔާސީ ހުރިހާ ޕާޓީތަކަށް ބައިވެރިވެވޭ ގޮތަށް ބޭއްވޭ އިންތިޚާބަކަށް ހެދުމަކީ، ޤައުމުގެ ހެވާއި، ލާބައަށްޓަކައި ކޮންމެހެން މުހިންމު ކަމެއް ކަމުގައި ވިދާޅުވެފައިވެއެވެ. އަދި މިއަހަރު ރިޔާސީ އިންތިޚާބު ބާއްވާ ތާރީޚަކީ ސެޕްޓެމްބަރ މަހުގެ 7 ވަނަ ދުވަސްކަމަށް އިލެކްޝަންސް ކޮމިޝަނުން މިހާރު އިޢުލާނު ކުރައްވާފައިވުމާއެކު، މި އިންތިޚާބަށް ތައްޔާރުވުމަށް ކުރަންޖެހޭ މަސައްކަތްތަކުގަޔާއި، ބައިނަލްއަޤްވާމީ އޮބްޒަރވަރުން ފޮނުވައިދިނުމުގައި އެހީތެރިވެދިނުމަށް ރަޙްމަތްތެރި ޤައުމުތަކަށާއި، ބައިނަލްއަޤްވާމީ ޖަމާޢަތްތަކަށް ދަޢުވަތު ފޮނުއްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިރޭ ނެރުއްވި ބަޔާނުގައި، އެމަނިކުފާނުގެ ސަރުކާރުން ޤާނޫނުތަކަށާއި، އަދި މިނިވަން މުއައްސަސާތަކަށް ފުރިހަމައަށް އިޙްތިރާމް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާފައިވެއެވެ. މިދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައިވެސް ރާއްޖޭގެ ޝަރުޢީ ނިޒާމަށާއި، ފުލުހުންނަށާއި، އަދި މިނިވަން މުއައްސަސާތަކުގެ މަސައްކަތްތަކުގެ ތެރެއަށް ނުފޫޒު ފޯރުއްވާފައި ނުވާނެކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި، އެމަނިކުފާނުގެ އެއްބައިވަންތަކަމުގެ ސަރުކާރުގައި ބައިވެރިވެފައިވާ ސިޔާސީ 8 ޕާޓީގެ ތާއީދާއި، އަދި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ އެއްބާރުލުމާއެކު ރާއްޖޭގައި ޞުލްޙަމަސަލަސްކަން ދަމަހައްޓައި، ހަމަޖެހުން ޤާއިމްކޮށް އަދި ގިނަ ޕާޓީތައް ވާދަކުރާ މިނިވަން، އިންސާފުވެރި އިންތިޚާބަކާ ހަމައަށް ދެވޭނެކަމަށް ޔަޤީން ކުރައްވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ. އަދި، ސިޔާސީ ކުރިމަތިލުންތަކަށް މަގުފަހިވާ ގޮތަށް ކަންތައް ނުކުރުމަށާއި، ހަމަނުޖެހުން އުފެދޭ ގޮތަށް ޢަމަލުތައް ނުބެހެއްޓުމަށް، ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކަށް މިބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވާފައިވެއެވެ.

ކުރީގެ ރައީސް ނަޝީދު، ކޯޓަށް ޙާޟިރުވެވަޑައިގަތުމުގެ އަމުރު ކޯޓުން ނެރެފައިވަނީ، ކޯޓުން ކަނޑައަޅާފައިވާ ވަގުތަށް ރައީސް ނަޝީދު ޙާޟިރުވެވަޑައިގެންފައިނުވާތީ ކަމަށާއި، ކޯޓުން ނެރުނު އަމުރުގެ ވަގުތު މިހާރު ފާއިތުވެފައިވުމާއެކު، އިންޑިޔާގެ ހައިކޮމިޝަނުގައި ހުންނަވަން ޖެހިވަޑައިގަންނަވާ އެއްވެސް ސަބަބެއް ނެތްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ. އަދި ކޯޓުން ނެރުނު އަމުރަކީ، ސަރުކާރާ އެއްވެސް ޙައިޘިއްޔަތަކުން ގުޅުމެއް އޮތް އަމުރެއްނޫން ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.