ޢަދުލު އިންޞާފު ޤާއިމް ކުރުމުގެ ދާއިރާއަށް ސަރުކާރުން ސިޔާސީ ނުފޫޒު ފޯރުވަމުންނުދާކަމުގެ ސަތޭކަ ޕަސެންޓް ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ދެއްވައިފިއެވެ. އެމަނިކުފާނު މި ޔަޤީންކަން ދެއްވީ، ކޮންމެ ހުކުރު ދުވަހަކު ދި ޓީ.ވީ އިން ފޮނުއްވާ [ހުކުރު ދުވަސް މަސްޢޫދާއެކު] މި ޕްރޮގްރާމްގައި މިއަދު ބައިވެރިވެވަޑައިގެން، ވާހަކަފުޅު ދައްކަވަމުންނެވެ.

ޢަދުލު އިންޞާފު ޤާއިމް ކުރުމުގެ ދާއިރާއަށް ސިޔާސީ ނުފޫޒު ވަންނަމުންދާ ވާހަކައަކީ، ވަރަށް އަޑުގަދަކޮށް ދެކެވޭ ވާހަކައެއް ކަމަށާއި، އެ ނުފޫޒު މިހާރު ނުފޯރުވާކަމުގެ ކިހާވަރެއްގެ ގެރެންޓީއެއް ދެއްވިދާނެތޯ، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމުން، އެއްވެސް ނުފޫޒެއް ފޯރުއްވާފައި ނުވާނެ ކަމުގައި ވިދާޅުވިއެވެ. އަދ އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ، ކަންކަމާ ޙަވާލުވެވަޑައިގެން ތިއްބެވި ބޭފުޅުންނަކީ، ޕްރޮފެޝަނަލް ބޭފުޅުން ކަމަށް ބައްލަވައިގެން، އެބޭފުޅުންގެ ނިންމެވުން އެއީ އެންމެފަހުގެ ނިންމެވުން ކަމަށް ބައްލަވައިގެން ކަމުގައި ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ފުރިހަމަ އިތުބާރު، ލޯ އެންފޯސްމަންޓް އޭޖެންސީތަކަށް އެބައޮތް ކަމަށާއި، އެކަމާ ދޭތެރޭގައި ވިސްނާވަޑައިގަންނަވަން ޖެހިވަޑައިނުގަންނަވާ ކަމުގައި ވިދާޅުވިއެވެ.

ރާއްޖޭގެ މިހާރުގެ ޙާލަތު ސިފަކުރައްވަނީ ކިހިނެއްތޯ ދެންނެވުމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގެ ކުށުގެ ވެށި އޮތީ ވަރަށް ގޯސްކޮށް ކަމަށެވެ. ކުށް ގިނަވުމުގެ ސަބަބުން ރައްޔިތުންނަށް ބިރުހީވާ ހިސާބަށް ކަންކަން އޮތީ ގޮސްފައި ކަމަށާއި، މާލެތެރެ ކުރިއަށްވުރެ ބޮޑަށް ބަލަހައްޓަން މަޖުބޫރުވީ ކަމަށެވެ. އަދި ރޭގަނޑު ވަކި ގަޑިއެއްގެ ފަހުން ހުޅުވާފައި ހުންނަ ތަންތަން މަދުކޮށްލައި، ބައެއް ފިޔަވަޅުތައް އެޅުމުގެ ސަބަބުން ކުށްތައް މިހާރު ވަރަށް ބޮޑަށް މަދުވެފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އިޤްތިޞާދާއި، ރާއްޖޭގެ އިޖްތިމާޢީ ޙާލަތާ ބެހޭގޮތުންނާއި އަދި މިހާރު ރާއްޖެއަށް ކުރިމަތިވެފައިވާ ބައެއް އެހެން ކަންކަމާ ބެހޭގޮތުންވެސް މި ޕްރޮގްރާމްގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސުވާލު ދެންނެވުނެވެ.

ޖީ.އެމް.އާރު މައްސަލައާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސުވާލު ދެންނެވުމުން، އެ މައްސަލަ ނިންމެވީ، ރައްޔިތުންނަށް އެންމެ ފައިދާ ބޮޑު ގޮތަކީ ކޮބައިތޯ ބައްލަވައިގެން، އަދި ރައްޔިތުންނަށް އެންމެ ގެއްލުން ކުޑަގޮތަކީ ކޮބައިތޯ ބައްލަވައިގެން ކަމުގައި ވިދާޅުވިއެވެ. އަދި އެކަން އެގޮތަށް ނިންމެވީ، ރާއްޖެއަށް އެންމެ ފައިދާހުރި ގޮތަކީ އެއީކަން ޔަޤީންވެވަޑައިގަތީމާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އިންޑިޔާއާއި ދިވެހިރާއްޖެއާ ދޭތެރޭގައި އޮތް ގާތް ގުޅުމަށް، އެކަމުގެ ސަބަބުން ބުރޫތަކެއް އެރިކަމަށް ޤަބޫލުފުޅު ކުރައްވަންތޯ ދެންނެވުމުން، އިންޑިޔާއާއި ދިވެހިރާއްޖެއާ ދޭތެރޭ އޮންނަނީ ވަރަށް ގާތް އުޚުއްވަތްތެރި ގުޅުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން ދިވެހިރާއްޖެއާއި އިންޑިޔާއާ ދޭތެރޭގައި އޮތް ބައިލެޓްރަލް ގުޅުމަކަށް އެއްވެސް ލޮޅުމެއް އައި ކަމަކަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށާއި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އިންޑިޔާ ސަރުކާރުގެ ފޮރިން މިނިސްޓަރާއި، އަދިވެސް އެހެން ބޭފުޅުން ޔަޤީންކޮށްދެއްވަމުން ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިކަން ސިޔާސީގޮތުން ގޯސްކުރުމަށްޓަކައި ބައެއް ފަރާތް ފަރާތުން މަސައްކަތް ކޮށްފައި ހުރިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ބޯޑަރ ކޮންޓްރޯލް ސިސްޓަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސުވާލު ދެންނެވުމުން، ރަނގަޅު ބޯޑަރ ކޮންޓްރޯލް ސިސްޓަމެއް ރާއްޖެއަށް ގެންނަން އެބަ ބޭނުންވާ ކަމުގައި ވިދާޅުވިއެވެ. މިގޮތުން، ނެކްސްބިޒް ޕްރޮޖެކްޓަށް އިޝާރާތް ކުރައްވައި، އެކަމުގައި އެމަނިކުފާނުގެ އެއްވެސް އަތެއް ނޯންނާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި އެ ކުންފުނި ގެނައުމަށް ބާރުއަޅުއްވާފައިވެސް ނޯންނާނެ ކަމަށާއި، އެ ނިންމެވުމަކީ ރައީސް ނަޝީދުގެ ސަރުކާރުގެ ނިންމެވުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންވީމާ، އެ ޕްރޮޖެކްޓް ހުއްޓާލަން ރައްޔިތުންގެ މަޖިލީހުން މިހާރު ނިންމަވާފައިވުމާއެކު، އެކަން ހުއްޓާލާފައި އެހެން ސިސްޓަމެއް ގެންނަވާނީ ކަމަށާއި، މިކަމުގައި އެމަނިކުފާނުގެ އެއްވެސް މައްސަލައެއް ނެތް ކަމުގައި ވިދާޅުވިއެވެ.

ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ކުރިމަތިވެފައިވާ ބައެއް މައްސަލަތަކާއި، ޒުވާނުންނަށް ވަޒީފާގެ ފުރްޞަތުތައް އިތުރުކުރެއްވުމަށް ރާއްޖޭގެ އިޤްތިޞާދު ފުޅާކުރެއްވުމާ ބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ.