އިސްލާމީ ޤައުމުތަކުގައި، އިންސާނީ ޙައްޤުތަކާއި މިނިވަންކަމާމެދު ރައްޔިތުން ކުރަމުންގެންދާ އުންމީދުތައް ފުރިހަމައަށް ޙަޤީޤަތަކަށް ހަދައިދޭންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިސުރުގެ ޤާހިރާގައި މިހާރު ހިނގަމުންދާ އޯ.އައި.ސީ.ގެ 12 ވަނަ ސަމިޓުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިސްލާމްދީނަކީ ޑިމޮކްރަސީއަށް ތަނަވަސް ޖާގައެއް ދެވިފައިވާ، ސުލްހަވެރި ދީނެއްކަން ބަޔާންކުރައްވަމުން، ރާއްޖޭގައި ޑިމޮކްރަސީ ޤާއިމްކުރުމަށް ކުރެވުނު މަސައްކަތުން، އިސްލާމީ ޤައުމުތަކުގައިވެސް އަމާންކަމާއެކު މި ނިޒާމު ހިންގޭނެކަން ދުނިޔެއަށް ހާމަވެގެން ހިނގައްޖެ ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖޭގައިވަނީ އިންސާނީ ޙައްޤުތައް ފުރިހަމައަށް އަދާކުރާ ޑިމޮކްރެޓިކް ވެރިކަމެއް ޤާއިމްކުރެވިފައި ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަމިޓުގެ ޝިޢާރު ކަމުގައިވާ "އިސްލާމީ ދުނިޔެ: އާ ގޮންޖެހުންތަކާއި، ފުޅާވަމުންދާ ފުރުޞަތުތައް" މި ޝިޢާރުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލައްވަމުން، އިސްލާމީ އުންމަތުގެ މެދުގައި ހަމަނުޖެހުންތަކާއި، ދެކޮޅުވެރިކަމާއި، ބައިބައިވުމުގެ ބިރު ކުރިމަތިކުރުވަނީ، މާތްﷲ، ކޮންމެ އިންސާނަކަށްވެސް، އެމީހެއްގެ އަމިއްލަ މިނިވަންކަމަކާއި، އަމިއްލަ މުސްތަޤްބަލެއް ބިނާކުރުމުގެ އިޚްތިޔާރު ދެއްވާފައިކަން ބައެއް ޤައުމުތަކަށް ޤަބޫލު ނުކުރެވޭތީ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޑިމޮކްރަސީ ހަރުދަނާކުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ޑިމޮކްރެޓިކް ނިޒާމެއް ޤާއިމުކުރަމުންދާ އޯ.އައި.ސީ.ގެ މެންބަރު ޤައުމުތަކުން، ތަޖުރިބާ ޙިއްޞާކުރުމުގެ ބޭނުންތެރިކަން ފާހަގަކުރައްވައި، މިޤައުމުތަކަށް އެއްބާރުލުން ދިނުމަށް އޯ.އައި.ސީ.އަށް ގޮވާލެއްވިއެވެ. އަދި ރާއްޖެއަށް ކުރިމަތިވަމުންދާ އެކިއެކި ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، ޑިމޮކްރަސީ ޤާއިމްކުރުމުގަޔާއި ޑިމޮކްރަސީ ހަރުދަނާ ކުރުމުގައި ކެތްތެރިކަމާއި، ސާބިތުކަމާއި، ޙިކުމަތްތެރިކަމަކީ ވަރަށް ބޭނުންތެރި ކަންކަން ކަމަށް ރާއްޖެއަށް ދަސްވަމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިކަން ރަނގަޅަށް ނުކުރެވިއްޖެނަމަ، ޑިމޮކްރަސީއަކަށް ފޮނި އުންމީދުތަކެއްކޮށް، ހުވަފެންތައް ދެކިދެކި ތިބި މީހުން، ޑިމޮކްރަސީއާ ދޭތެރޭ މާޔޫސްވެދާނެ ކަމުގެ ނުރައްކާ އެބަ އޮތް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އިސްލާމީ ޤައުމުތަކަށް މިއަދު ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، ތަހުޒީބު ވެފައިވާ ދުނިޔެއެއްގައި ސަރުކާރަކުން އެ ސަރުކާރެއްގެ ބެލުމުގެ ދަށުގައިވާ ޢާންމު ރައްޔިތުން މަރަމުން ދިޔުމަކީ، ޤަބޫލުކުރެވޭނެ ކަމެއް ނޫންކަމުގައި ވިދާޅުވެ، ސީރިޔާގައި ހިންގަމުންދާ ހަމަނުޖެހުންތައް ވަގުތުން ހުއްޓާލުމަށް ގޮވައިލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އ.ދ. ގެ ނޮން-މެންބަރ އޮބްޒަރވަރ ޤައުމެއްގެ ދަރަޖަ މިދިޔަ އަހަރު ފަލަސްޠީނަށް ލިބިފައިވާތީ ފަލަސްޠީނުގެ ރައީސަށް މަރުޙަބާ ވިދާޅުވިއެވެ. އަދި، އިޒްރޭލުން ފަލަސްޠީނުގެ ޞަރަޙައްދަށް ވެރިވެގަނެގެން އުޅޭ އުޅުން ކުށްވެރިކުރައްވައި، ފަލަޞްޠީނުގެ ޢާންމު ރައްޔތުންގެ ޙައްޤުތައް، ހޯދައިދިނުމަކީ އިސްލާމީ އުންމަތުން ވަރަށް ބޮޑު އަހަންމިއްޔަތެއް ދޭންޖެހިފައިވާ ކަމެއް ކަމުގައި ވިދާޅުވިއެވެ.

އިސްލާމްދީނާ ދެކޮޅު އެކިއެކި ވިސްނުންތަކާއި ތަޞައްވުރުތަކާ ދެކޮޅަށް އިސްލާމީ ޤައުމުތަކުން ކުރާ ހަނގުރާމައިގައި މިހާރަށްވުރެ ބޮޑަށް އެއްބައިވަންތަކަމާއި، އެއްބައެއްވަންތަކަން ކުރިއަށް ނެރުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ. އަދި އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމް ކުރުމަށާއި، އިސްލާމީ ރިވެތި އަޚްލާޤަށް އިސްކަންދިނުމަށާއި، އެއްބަޔަކު އަނެއްބަޔަކު ބަލައިގަތުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ.