ސަރުކާރުން ދެއްވަމުން ގެންދަވާ ޤައުމީ އިނާމާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، މިއަހަރުގެ މިނިވަންދުވަހާ ގުޅިގެން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ހަމަޖައްސަވައިފިއެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން، މިހާތަނަށް މި އިނާމު ދެއްވަމުން ގެންދަވާފައިވަނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.

މިއަހަރުގެ މިނިވަންދުވަސް ދިމާވަނީ ބަރަކާތްތެރި ރަމަޟާންމަހާ ކަމަށްވާތީ، ޤައުމީ އިނާމާއި، ޚާއްޞަ އިނާމު ދެއްވުމަށް ބާއްވަވާ ޖަލްސާ އޮންނާނީ، ރަމަޟާން މަހުގެ ފަހުން އޯގަސްޓް މަހުގެ ތެރޭގައެވެ. އެ ޖަލްސާ ބާއްވަވާނެ ތާރީޚު، ފަހުން އިޢުލާނު ކުރައްވާނެއެވެ.

ޤައުމީ އިނާމާއި ޚާއްޞަ އިނާމަށް ނަން ހުށަހެޅުއްވުމުގެ ފުރްޞަތު ހުޅުއްވާލެއްވުމާ ބެހޭގޮތުން ކުރައްވަންޖެހޭ ކަންތައްތައް، ޤައުމީ އިނާމާބެހޭ ކޮމިޓީންނާއި، ޚާއްޞަ އިނާމާބެހޭ ކޮމިޓީން ވަރަށް އަވަހަށް ފަށްޓަވާނެއެވެ.