މިއަހަރުގެ މެދަކާ ހަމައަށް ދިޔުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހަށް ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިލަދުންމަޑުލުގެ ބައެއް ރަށްރަށަށް އެމަނިކުފާނު މިއަދު ހެނދުނު ފެށްޓެވި ދަތުރުފުޅުގައި، މިލަދުންމަޑުލު ދެކުނުބުރީ ހެނބަދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާ މިއަދު މެންދުރުފަހު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތްތައް ނުދީއެއް އަޅުގަނޑުމެންނަކަށް ބޮޑެތި ޢުމްރާނީ ކަންތައްތަކެއް ނުކުރެވޭނެއެވެ. ރައްޔިތުންގެ ޞިއްޙަތު އަޅުގަނޑުމެން އެބަ ސަލާމަތް ކުރަންޖެހެއެވެ. ޞިއްޙީ މަރުކަޒު އެބަ ރަނގަޅު ހިނގަން ޖެހެއެވެ. ކުދިންނަށް ތަޢުލީމު ދެވެން ޖެހެއެވެ. މިކަންކަން ނުކޮށް ބަނދަރެއް ހެދުމުގެ މާބޮޑު ބޭނުމެއް ނެތެވެ. އަދި އަޅުގަނޑުމެން ދަރިންގެ ޞިއްޙަތު ސަލާމަތުން ނެތި، ބަލިވާ ވަގުތު ބޭސް ނުކުރެވޭ ކަމަށްވަންޏާ އެއަރޕޯޓެއް ހެދުމުގެ ބޭނުމެއް ނެތް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ފުރަތަމަ ކުރަންޖެހޭ ކަންތައްތައް ފުރަތަމަ ކުރަންޖެހޭނެ ކަމަށާއި، މިގޮތުން ގެންނަންޖެހޭ ބަދަލުތައް ގެންނަވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ސަރުކާރުގެ ދަރަނި ކުޑަކުރެއްވުމަށްޓަކައި ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، މުސްތަޤްބަލުގައި އަޅުގަނޑުމެންގެ ދަރިން ބޮޑެތިވަމުން އަންނައިރުގައި، އެކުދިންނަށް ބޭނުންވާ ވަޒީފާތަކާއި މަސައްކަތްތައް އުފެއްދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރެވޭނީވެސް ދަރަނި ކުޑަކުރެވިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ އިޤްތިޞާދު ޙަޤީޤަތުގައި އެހާ ގޯސް ނޫން ކަމަށާއި، ދުނިޔެއަށް މިހާރު އައިސްފައިވާ އިޤްތިޞާދު ފަނޑުވަމުން ދިޔުމުގެ ރޯޅީގައި ރާއްޖެއަށްވެސް ކޮންމެވެސް ވަރެއްގެ އަސަރެއް ކުރަމުންދަނީ ކަމުގައި ވިދާޅުވިއެވެ. ދިވެހި ޤައުމުގެ އިޤްތިޞާދު ބިނާވެފައި މިއޮތީ، ޚާއްޞަކޮށް މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާއަށް ކަމަށް ވިދާޅުވެ، 2012 ވަނަ އަހަރަކީ މި ދެ ދާއިރާގައިވެސް ރާއްޖެ ކުރިއަރާފައިވާ އަހަރެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.