ކީރިތި ރަސޫލާ مُحَمَّـد صـلّى الله علـيـه وسـلّمގެ ޢީދު މީލާދުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ތަހުނިޔާ ވިދާޅުވެއްޖެއެވެ. މިދަންނަވާލަނީ މި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ މެސެޖެވެ.

[ކީރިތި ރަސޫލާ مُحَمَّـد صـلّى الله علـيـه وسـلّمގެ ޢީދު މީލާދުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި، ހެޔޮއެދުންތައް އަރިސް ކުރުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް މަތިވެރި އުފަލެކެވެ. ހަމައެހެންމެ، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، ބައިނަލްއަޤްވާމީ އިސްލާމީ ޖަމްޢިއްޔާ، ޖަމާޢަތްތަކަށާއި، މުޅި އިސްލާމީ އުންމަތަށް ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރުމަކީވެސް އަޅުގަނޑަށް ލިބޭ ބޮޑު އުފަލެކެވެ.

މާތްﷲ މި އުންމަތުގެ ނަބިއްޔާ مُحَمَّـد صـلّى الله علـيـه وسـلّم ރަސޫލުކަމާއިގެން ފޮނުއްވީ މުޅި އިންސާނިއްޔަތަށް ރަޙްމަތެއްގެ ގޮތުގައެވެ. އެހެންކަމުން، އެކަލޭގެފާނު މުޅި އިންސާނިއްޔަތަށް ގެނެސްދެއްވި ހިދާޔަތުގައި ފައިތިލަ ސާބިތުކުރުމާއި، އެކަލޭގެފާނުގެ ސުންނަތާއި ޙަޔާތްޕުޅުން ޢިބްރަތް ޙާޞިލު ކުރުމަކީ، އަޅުގަނޑުމެންގެ މައްޗަށް އޮތް ވާޖިބެކެވެ. ޚާއްޞަކޮށް، އިސްލާމީ ދައުލަތެއް ފުރަތަމަފަހަރަށް އުފެއްދެވުމުގައި، އެކަލޭގެފާނު ގެންގުޅުއްވި ހަރުދަނާ ސިޔާސަތާއި، މުސްލިމުންގެ މެދުގައި އޮންނަންވާ އެއްބައިވަންތަކަމާއި އެކުވެރިކަމަށް މާތްވެގެންވާ އިސްލާމްދީން ދެއްވާފައިވާ އަހަންމިއްޔަތުގެ މަތިން ހަނދާންކުރަމެވެ. އެހެންކަމުން، ރާއްޖޭގެ ރައްޔިތުންގެ މެދުގައިވެސް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ ޢަޒުމް އާކުރައްވައި، ވަރުގަދަ ކުރެއްވުމަށް، މި މުނާސަބަތުގައި އަޅުގަނޑު ގޮވާލަމެވެ. އަދި ކީރިތި ރަސޫލާ ދައްކަވާފައިވާ މި ރީތި ނަމޫނާ ބަލައިގަނެ، ދުނިޔޭގެ އެހެނިހެން ޤައުމުތަކުގައިވެސް އެޤައުމުތަކުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އުފައްދަވައި، ވަރުގަދަ ކުރެއްވުމަށް، އެ ޤައުމުތަކުގެ ވެރިން އެކަމަށް ގޮވާލައްވަމުން ގެންދަވާކަންވެސް އަޅުގަނޑު ފާހަގަކުރަމެވެ. މި ފުރްޞަތުގައި، މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތުގައި އިތުރަށް ފައިތިލަ ސާބިތު ކުރައްވައި، އާ ޢަޒުމްތަކެއް ކަނޑައެޅުއްވުމަށްވެސް ރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ.

މާތްﷲ، މި ދިވެހިރާއްޖެއަށާއި ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް މާތްވެގެންވާ އިސްލާމްދީނުގެ ފައިތިލަ ސާބިތުކޮށްގެން ތިބުމުގެ ހެޔޮ ތައުފީޤު ދެއްވާށި! ކީރިތި ރަސޫލާ އެ ދެއްކެވި މާތް ނަމޫނާއިން ޢިބްރަތް ޙާޞިލު ކުރުމުގެ ހެޔޮ ތައުފީޤާއި، އެކަލޭގެފާނު ގެންނެވި މަތިވެރި މާތް އުޞޫލުތަކުގައި ހިފެހެއްޓުމުގެ ބާރާއި ވާގިވެރިކަން ދެއްވާށި! އާމީން.]