ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ނައިބު ރައީސް މިސްޓަރ ޒިޔައުޔޫ ޒާއޯ، މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ޙާލަތު މިހާރު އޮތްގޮތާބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަދި، އޭ.ޑީ.ބީގެ އެހީގައި ރާއްޖޭގައި ކުރިއަށް ގެންދެވިދާނެ ތަރައްޤީގެ މަޝްރޫޢުތަކާބެހޭ ގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ. ވަކިން ޚާއްޞަކޮށް، ރާއްޖޭގެ މަސްވެރިކަމާއި، ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ތަރައްޤީކުރުމަށް އޭ.ޑީ.ބީގެ އެހީ ހޯއްދެވުމާބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.

އޭ.ޑީ.ބީ.ގެ ނައިބު ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގޭ ސިޔާސީ މަސްރަޙު ހަލަބޮލިކަމެއްގެ ތެރޭގައި އޮތްނަމަވެސް، އިޤްތިސާދު ކުރިއެރުވުމަށްޓަކައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވައި އެކަމާމެދު އުފާކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖެއަށް ބޭނުންވާ ކަންކަމުގައި، އޭ.ޑީ.ބީ އިން ރާއްޖެއަށް އަބަދުވެސް އެއްބާރުލެއްވުން ދެއްވަމުން ގެންދަވާނެ ކަމަށް ވިދާޅުވެ، ސަރުކާރުން އޭ.ޑީ.ބީ އަށް ދެއްވާ އިތުބާރަށާއި އެހީތެރިކަމަށްޓަކައި ޝުކުރުއަދާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އޭ.ޑީ.ބީ.އިން ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް ކޮށްދެއްވަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވައި، ރާއްޖެއާމެދު ބަހައްޓަވާ ގާތްކަމަށާއި، އެހީތެރިކަމަށްޓަކައި ޝުކުރުއަދާކުރެއްވިއެވެ.