އެމެރިކާގެ ރައީސް ކަމުގެ މަގާމަށް ބަރަކް އޮބާމާ ދެވަނަ ފަހަރަށް އިންތިޚާބުވެވަޑައިގެން، މަގާމުގެ ހުވާ ކުރެއްވުމާ ގުޅިގެން، ރައީސް އޮބާމާއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ތަހުނިޔާ ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖްގައި، އެމެރިކާގެ 44 ވަނަ ރައީސަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ވަރަށް ހޫނު ތަހުނިޔާއެއް ވިދާޅުވެ، ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ.

ރައީސް އޮބާމާގެ މި ކާމިޔާބީއިން ރަމްޒުކޮށްދެނީ، ފާއިތުވެދިޔަ ދައުރުގައި އެމަނިކުފާނުގެ ސަރުކާރުން ނަތީޖާ ޙާޞިލުކޮށްފައިވާ މިންވަރު ކަމަށާއި، އެމެރިކާ ރައްޔިތުންގެ ހިތްތަކުގައި ރައީސް އޮބާމާއަށް އޮތް ތާއީދާއި އިތުބާރު ކަމުގައި ވިދާޅުވެފައިވެއެވެ. އަދި ރައީސް އޮބާމާގެ ޒަޢާމަތުގައި، އެމެރިކާ މި ދަތުރުކުރަނީ، އާ މިޞްރާބަކަށް ކަމަށާއި، މިކަމުން ބައިނަލްއަޤްވާމީ މަޞްރަޙަށްވެސް ފައިދާތަކެއް ކުރާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި ވިދާޅުވެފައިވެއެވެ. އަދި ދިވެހިރާއްޖެއާއި އެމެރިކާއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން، ބަރަކް އޮބާމާގެ ޒަޢާމަތުގައި އިތުރަށް ތަރައްޤީވެ، ކުރިއަރަމުންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.