ހުޅުލޭ އެއަރޕޯޓަކީ ދިވެހިންގެ ލެޔާ ގުޅިފައި އޮތް އެއަރޕޯޓެއް ކަމަށާއި، އެއަރޕޯޓް ބޭރުބައެއްގެ އަތްމައްޗަށް ދޫކޮށްލާފައިވަނީ، އެންމެ ގޯސްކޮށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ހުވަދުއަތޮޅު އުތުރުބުރީ ދާންދުއަށް ވަޑައިގެން، ދާންދޫ ރައްޔިތުންނާ މިއަދު ހަވީރު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އެއަރޕޯޓް ހެދިފައިވަނީ، ދިވެހިންގެ އެތައް ބަޔަކު ޤުރްބާންތަކެއް ވެގެން ކަމަށް ވިދާޅުވެ، އެއަރޕޯޓް ހެދުމުގެ މަސައްކަތުގައި، ޢަމަލީގޮތުން ދިވެހިންގެ އެތައް ބަޔަކު ބައިވެރިވެފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖެއަކީ ފަތުރުވެރިކަމުގެ މައްޗަށް ބިނާވެފައިވާ ޤައުމަކަށްވާއިރު އަދި ފަތުރުވެރިން ވަންނަން އޮތް މައި ދޮރާށްޓަކީ ހުޅުލޭ އެއަރޕޯޓް ކަމަށްވާއިރު، އެތަން ބޭރުބަޔަކަށް ދޫކޮށްލާފައިވަނީ، ރާއްޖެއަށް އެންމެ ކުޑަކޮށް އެތަނުން އެއްޗެއް ލިބޭގޮތަށް އަދި އެމީހުންނަށް އެންމެބޮޑު ފައިދާ ލިބޭގޮތަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހުޅުލޭގެ ބިންވެސް އޮތީ ވަރަށްދިގު މުއްދަތަކަށް ދޫކޮށްލާފައި ކަމަށާއި، މިކަން ކޮށްފައިވަނީ، ރާއްޖޭގެ އިޤްތިޞާދަށް ވަރަށްބޮޑު ހީނަރުކަމެއް ލިބޭގޮތަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، މިވަރުގެ ބޮޑު ޖަރީމާއެއް ހިންގި ބަޔަކު، މިއަދުވެސް މަގުމައްޗަށް ނުކުމެފައި، ޖީ.އެމް.އާރު އަނބުރާ ގެންނަން އެބަ ގޮވާލާ ކަމުގައި ވިދާޅުވިއެވެ. އަދި އަޅުގަނޑުމެންގެ ތެރެއިން ބައެއް ރައްޔިތުން، އެވާހަކަވެސް އަޑުއަހަން އެބަތިބޭ ކަމަށާއި، އެގޮތަށް ގޮވާލާ ބައެއްގެ ފަހަތުން ނުކުންނަ މަދު ބަޔަކުވެސް އެބައުޅޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.