ސަރުކާރަށް ވަރަށްދިގު މުއްދަތެއްގައި ޚިދްމަތް ކުރައްވާފައިވާ އަދި ޅެންވެރިކަމުގެ ރޮނގުން ވަރަށް މަޝްހޫރު ބޭފުޅެއް ކަމަށްވާ މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ދޭލިޔާގޭ އަލްފާޟިލް ޔޫސުފް ޢަލިފުޅު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، އެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. ޔޫސުފް ޢަލިފުޅު އަވަހާރަވީ، ފުއްޕާމޭގެ އާލާސްކަންފުޅަކަށް ފަރުވާދެވެމުން ދަނިކޮށް، ރޭ މެންދަމު 3.30 އެހާކަންހާއިރު، ކޮޅުނބުގެ ލަންކާ ހޮސްޕިޓަލްގައެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ 79 އަހަރެވެ.

މިވަގުތު ސްރީލަންކާގައި ތިއްބެވި މަރްޙޫމް ޔޫސުފް ޢަލިފުޅުގެ ޢާއިލާގެ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ މިއަދު ފޯނުން ގުޅުއްވައި، މި ޚަބަރު އެއްސެވީ، ފުން ހިތާމައާ އެކުގައި ކަމަށް ވިދާޅުވެ، ޢާއިލާގެ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވިއެވެ. އަދި މަރްޙޫމް ޔޫސުފް ޢަލިފުޅު ދިވެހި ސަރުކާރަށް ކޮށްދެއްވާފައިވާ ޚިދްމަތްތަކާއި، ޅެންވެރިކަމުގެ ރޮނގުން ދިވެހި އަދަބިއްޔާތަށް ކޮށްދެއްވާފައިވާ ޚިދްމަތްތަކުގެ އަގު ވަޒަން ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

އަލްމަރްޙޫމް ޔޫސުފް ޢަލިފުޅަކީ، 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދްމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެންމެ ދިގު މުއްދަތެއްގައި ޚިދްމަތް ކުރައްވާފައިވަނީ، ރާއްޖޭގެ ޝަރުޢީ ދާއިރާގައެވެ. މިގޮތުން، ބ. ދަރަވަންދޫ ކޯޓުގެ ޤާޒީ ކަމުގެ މަޤާމާއި، ކޯޓު ނަންބަރު 2 ގެ ޤާޒީ ކަމާއި، ކޯޓު ނަންބަރު 4 ގެ ޤާޒީ ކަމާއި، ކޯޓު ނަންބަރު 8ގެ ޤާޒީކަން ކުރައްވާފައިވެއެވެ. މީގެ އިތުރުން، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ސީނިއަރ އެހީތެރިޔާ ކަމުގެ މަޤާމާއި، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ސީނިއަރ އިންވެސްޓިގޭޓަރ ކަމުގެ މަޤާމާއި، ދިވެހިބަހާއި ތާރީޚަށް ޚިދްމަތްކުރާ ޤައުމީ މަރްކަޒުގެ އިސް އެހީތެރިޔާ ކަމުގެ މަޤާމާއި، އެ މަރްކަޒުގެ އެސިސްޓެންޓް ޑިރެކްޓަރ ކަމުގެ މަޤާމާއި، ކޯޑިނޭޓަރ ކަމުގެ މަޤާމު ފުރުއްވާފައިވެއެވެ.

އަލްމަރްޙޫމް ޔޫސުފް ޢަލިފުޅަކީ، ޅެންވެރިކަމުގެ ރޮނގުން އަޅުގަނޑުމެންގެ ތެރެއަށް ވަރަށް މަޝްހޫރު ޝާޢިރެކެވެ. ޅެން ހައްދަވަން ފެށްޓެވީ، މަދްރަސަތުލް މަޖީދިއްޔާގެ ޠާލިބެއްގެ ގޮތުގައި، ދާރުލްއިޤާމާގައި އުޅުއްވި ދުވަސްވަރުއެވެ. އޭނާގެ ޅެންތައް ފުރަތަމަ ޝާއިޢު ކުރެވުނީ، އޭރު މަދްރަސަތުލް މަޖީދިއްޔާގައި ނުކުންނަމުންދިޔަ [މަޖައްލަތުލް ރާބިޠާ] ގައެވެ. އޭނާ ހައްދަވާފައިވާ ޅެންތަކާއި ރައިވަރުގެ ގިނަ ފޮތްތަކެއްވެސް ވަނީ ނެރުއްވާފައެވެ. ދިވެހި ޅެންވެރިކަމަށް ޚިދްމަތް ކުރެއްވުމުގެ ރޮނގުން ޢާންމު ޚިދްމަތުގެ ހިތްވަރު ދިނުމުގެ އިނާމު، 1985 ވަނަ އަހަރު މަރްޙޫމް ޔޫސުފް ޢަލިފުޅަށް ވަނީ ލިބިވަޑައިގެންފައެވެ.

އަލްމަރްޙޫމް ޔޫސުފް ޢަލިފުޅު އަވަހާރަވިއިރު އަނބިކަނބަލަކާއި، 8 ފިރިހެން ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ.