ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު، "ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން"ގެ ނަމުގައި، ރައީސުލްޖުމްހޫރިއްޔާ މިއަދު މުއައްސަސާއެއް އުފައްދަވައި، އެ މުއައްސަސާއަކީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސަވައިފިއެވެ. އަދި އެ މިނިސްޓްރީގެ ދަށުން ހިނގަމުންދާ، ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒާއި، ސެންޓަރ ފޮރ ކޮންޓިނިއުއިންގ އެޑިޔުކޭޝަން ރައީސުލްޖުމްހޫރިއްޔާ މިއަދު އުވާލައްވައިފިއެވެ.

މިގޮތަށް މި ހަމަޖެއްސެވީ، ތަޢުލީމީ ދާއިރާގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރެއްވުމަށާއި، ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒުގެ މަސައްކަތްތަކާއި، ސެންޓަރ ފޮރ ކޮންޓިނިއުއިންގ އެޑިޔުކޭޝަނުގެ މަސައްކަތްތަކަކީ ވަރަށް ގުޅުންހުރި މަސައްކަތްތަކެއްކަމަށްވާތީ، އެ ދެ މުއައްސަސާގެ މަސައްކަތްތައް އެއްކޮށްލައިގެން އެއް މުއައްސަސާއަކުން ކުރާގޮތަށް ހަމަޖެހުމުން، ސަރުކާރުގެ ވަސީލަތްތައް މިހާރަށްވުރެ ފައިދާހުރި ގޮތުގައި ބޭނުންކުރެއްވޭނެ ކަމަށް ފެނިވަޑައިގަންނަވާތީއެވެ.