ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ހުވަދުއަތޮޅު އުތުރުބުރީގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު މެންދުރުފަހު ފުރާވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ އިލްހާމް ޙުސައިން، މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ފުރަތަމަ ވަޑައިގަންނަވާނީ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި އެއަތޮޅު ވިލިނގިލީގައި މިއަދާއި މިރޭ ބާއްވަވާ އިޙުތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށެވެ.

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ޚާއްޞަ ޙަފްލާ އޮންނާނީ މިރޭ 8:30ގައި ވިލިނގިލީ ބޯޅަދަނޑުގައެވެ. މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވާ ގޮތަށްވަނީ ހަމަޖެހިފައެވެ.