އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގުމަށް [މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ލިމިޓެޑް]ގެ ނަމުގައި ސަރުކާރު ހިއްސާވާ ވަކި ކުންފުންޏެއް އުފެއްދެވުމަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް މިއަދު ލަފާއަރުއްވައިފިއެވެ. މިގޮތަށް ލަފާ އެރުއްވީ މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި މި ކުންފުނި އުފެއްދެވުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ހުށަހެޅުއްވި ކަރުދާހެއްގެ މައްޗަށް މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

މިކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހު، އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގައި ތަރައްޤީ ކުރުމަށް ސަތޭކަ ޕަރސެންޓް ސަރުކާރު ހިއްސާވާގޮތުގައި، މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ލިމިޓެޑް އުފައްދަވައި، މި ކުންފުންޏާއި އެމް.އޭ.ސީ.އެލް.އާ ދެމެދު ކުރެވޭ މެނޭޖްމަންޓް ކޮންޓްރެކްޓެއްގެ ދަށުން އެއަރޕޯޓް ހިންގުމާއި، ތަރައްޤީ ކުރުމުގެ ހުރިހާ ކަމެއް، މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ލިމިޓެޑުން ކުރައްވަމުން ގެންދަވާ ގޮތަށް ހަމަޖެއްސެވުމަށްވެސް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުއްވިއެވެ.