އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކޮށް ހިންގުމުގައި، އިންޑިއާގެ ޖީ.އެމް.އާރ ކުންފުންޏާއި، މެލޭޝިޔާގެ އެއަރޕޯޓްސް ހޯލްޑިންގ ބަރުހާދާއެކު ވެފައިވާ އެއްބަސްވުން، ދިވެހި ސަރުކާރުން ރޫޅާލައްވައި، އެއަރޕޯޓް ހިންގުން 2012 ޑިސެމްބަރ 8 ގައި މޯލްޑިވްސް އެއަރޕޯޓްސް ކަމްޕެނީ ލިމިޓެޑާ ޙަވާލުކުރެއްވުމާ ގުޅިގެން، މިހިނގާ އިންތިޤާލީ މަރްޙަލާގައި، އެއަރޕޯޓްގެ އެންމެހާ ކަންތައްތައް ހިނގާ ނުހިނގާގޮތް ބައްލަވައި، ޖީ.އެމް.އާރާއެކު މަޝްވަރާ ކުރައްވައި، މޯލްޑިވްސް އެއަރޕޯޓްސް ކަމްޕެނީ ލިމިޓެޑަށް އެހީތެރިވެދެއްވައި، އެމަސައްކަތް ހިނގާ ނުހިނގާގޮތުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ކޮމިޓީއެއް އެކުލަވައިލައްވައިފިއެވެ.

މިކޮމިޓީގެ ޗެއަރމަނަކަށް ހަމަޖައްސަވާފައިވަނީ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން ވަގުތީގޮތުން ހިންގެވުމާ ޙަވާލުވެވަޑައިގެން ހުންނެވި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކާނަލް ރިޓަޔަރޑް މުޙަންމަދު ނާޒިމެވެ. ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ:

- މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަލްފާޟިލް ޢަބްދުﷲ ޖިހާދު.
- މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްފާޟިލް އަޙްމަދު މުޙަންމަދު.
- މިނިސްޓަރ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ އަލްފާޟިލް އަޙްމަދު އަދީބް ޢަބްދުލްޣަފޫރު.
- ސިވިލްއޭވިއޭޝަން އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަން އަލްފާޟިލް އިބްރާހީމް ފައިޞަލް.
- މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކާނަލް މުޙަންމަދު ޒިޔާދު.
- އަލްފާޟިލް އަޙްމަދު ޝަފީޤު މުޙަންމަދު ހއ. ދިއްދޫ އިކުލީލުގެ.