ޤައުމުގެ ކުރިމަގު ބައްޓަންކުރާނެ ގޮތަކާ ބެހޭގޮތުން ޤައުމީ ފެންވަރުގެ މަހާސިންތާއެއް ބޭއްވެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ނިންމަވައި، އެކަން އިޢުލާނު ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން އިޢުލާނު ކުރެއްވީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ދަރުބާރުގޭގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައި، ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މިބައްދަލުވުމުން ނެރުއްވަން ބޭނުންފުޅުވާ ނަތީޖާއަކީ، ދިވެހިރާއްޖޭގެ މުސްތަޤްބަލާމެދު ވީހާވެސް ގިނަ ބައެއްގެ ޚިޔާލު ހޯއްދެވުން ކަމަށާއި، ޤައުމުގެ މުސްތަޤްބަލުގެ ޗާޓް ކުރެހުމުގައި، ކަން ކުރަންވީގޮތް، ވީހާގިނަ ބައެއްގެ ކައިރިން އަހާ ހޯދުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިބައްދަލުވުމުގައި ސިޔާސީ ފަރާތްތަކުގެ އިތުރުން، ވިޔަފާރިވެރިންނާއި، އެހެނިހެން މަސައްކަތްތެރިންނާއި، ތަޢުލީމީ ޤާބިލް މީހުންނާއި، ކިޔަވާ ކުދިންނާއި، އަންހެނުންނާއި ޒުވާނުންނާއި، ފަނޑިޔާރުންނާއި ވަކީލުން އަދި އަމިއްލަ ޖަމާޢަތްތައް ބައިވެރިކުރެވޭނެ ކަމަށް ވިދާޅުވެ، ޤައުމުގެ ކުރިމަގު ބައްޓަން ކުރުމުގައި، މިހުރިހާ ފަރާތްތަކުން ބައިވެރިވެވަޑައިގެން ދެއްވުން އެދިވަޑައިގެން، އެފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދަޢުވަތު ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ރާއްޖެއަށްޓަކައި އެމަނިކުފާނުގެވެސް ގިނަ ހުވަފެންފުޅުތަކެއްވާ ކަމަށާއި، އެމަނިކުފާނުގެ އުންމީދަކީ، ޚިޔާލު ތަފާތުވި ނަމަވެސް، އެކުގައި މަސައްކަތް ކުރެވޭ ރައްޔިތެއް ދިރިއުޅޭ، އަނެކުންގެ ޙައްޤުތަކަށް އިޙްތިރާމްކުރާ، މުރާލި، އުފެއްދުންތެރި ޤައުމެއް ބިނާކުރެއްވުން ކަމުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، އެމަނިކުފާނު ބޭނުންފުޅުވަނީ، އަންހެނުންނާއި ޒުވާނުންގެ ބައިވެރިވުން ފުރިހަމައަށް އޮންނަ، ރައްކާތެރި އަމާން ޤައުމެއް ބައްޓަން ކުރެއްވުމަށެވެ. އެމަނިކުފާނުގެ މަޤްޞަދަކީ، އުފާވެރި ޢާއިލީ ގުޅުންތަކެއްގެ މައްޗަށް ބިނާކުރެވިފައިވާ، އިޖްތިމާޢީ ގޮތުން ދުޅަހެޔޮ ރައްޔިތެއް އާބާދުކުރެއްވުމެވެ. އެމަނިކުފާނުގެ ޢަޒުމަކީ، އެއްބައިވަންތަކަމުގައި ޤައުމު ކުރިއަށް ގެންދެވުމެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިއަދުގެ ޙާލަތު ނިޔާކުރާގޮތެއްގެ މަތިން އަޅަންޖެހޭ ފިޔަވަޅުތަކެއް އެބަހުރި ކަމާއި، ނިންމަންޖެހޭ ނިންމުންތަކެއްވެސް އެބަހުރިކަން ފާހަގަކުރެއްވިއެވެ. އަދި ޤައުމުގެ އިޤްތިޞާދު ހަމަޖެއްސުމަށް މަސައްކަތްކުރާ ފަދައިން، މުޖްތަމަޢުގެ ހަމަޖެހުން އިތުރުކުރުމަށްވެސް މިއަދު ވަނީ މަސައްކަތްތަކެއް ކުރަން ޖެހިފައި ކަމަށް ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގައި އަމަންއަމާންކަން ޤާއިމްކޮށް، މާރާމާރީއާއި ޢާންމު އުނދަގުލުން ރައްޔިތުން ސަލާމަތް ކުރެއްވުމަށް ސަރުކާރުން ފަށްޓަވާފައިވާ މަސައްކަތްޕުޅުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދަވާނެ ކަމުގައިވެސް ވިދާޅުވިއެވެ. އަދި އެއްވެސް ކުށެއްނެތި މަރާލެވިފައިވާ ދިވެހި ރައްޔިތުންގެ ޙައްޤުތައް ހޯދައިދިނުމަށް، އިންޞާފުގެ މަގުގައިވެސް ހަރުދަނާ ނިންމުންތަކެއް ނިންމަވަންޖެހޭ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޤައުމަށާއި ރައްޔިތުންނަށް ފައިދާވާގޮތަށް ނިންމަންޖެހޭ ކަންކަން އެބަހުރިކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރައްވަމުން، މިމަސައްކަތް ހުއްޓުމެއްނެތި ކުރައްވަމުން ގެންދަވާ ކަމުގައި ވިދާޅުވިއެވެ. އަދި މިކަންކަމުގައި ސަރުކާރުގެ އަމާޒަކަށްވާނީ އަދި އަމާޒަކަށްވާންވާނީ، ދިވެހި ޤައުމަށާއި ރައްޔިތުންނަށް ހުރިހާ ގޮތަކުން އެންމެ ފައިދާވާނެ ގޮތަކަށް ކަންކަން ނިންމަވަމުން ގެންދިޔުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. [މިފަދަ އެހެން ކަންތައްތަކެކޭ އެއްފަދައިން، އަޅުގަނޑުމެންނަށް ކާމިޔާބީއާ ހަމައަށް ވާސިލުވެވޭނީ، އެކަމުގައި އޮންނަ އުޞޫލުތަކުގެ މަތިން، ކަމުގެ ނަތީޖާތަކަށް ފަރުވާތެރިވެގެން، ޙިކުމަތްތެރިކަމާއެކު، މަސައްކަތް ކުރެވިގެން. ކަމުގެ އެންމެ މުނާސަބު ވަގުތުގައި ފިޔަވަޅު އެޅިގެން.] ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، މިއިން ކޮންމެ ކަމެއްގައިވެސް ޤައުމުގެ ފައިދާ ކުރިއަށްނެރެ، އެކަމުގެ އެންމެ މުނާސަބަތު ވަގުތުގައި، އެންމެ އެކަށޭނަ ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ދިވެހި ރައްޔިތުންނަށް ދެއްވިއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި، މިރޭ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ޖުމްހޫރީ ވެރިކަން ފެށިގެން އައި ގޮތުގެ މައްޗަށް، ވަރަށް ތަފްޞީލުކޮށް ބައްލަވާލެއްވިއެވެ. އަދި ދިވެހި ރައްޔިތުން ޖުމްހޫރީ ވެރިކަމެއް ބަލައިގަތީ، ޤައުމުގެ ތަރައްޤީގެ މަރްޙަލާގައި ނިންމި މުހިންމު ނިންމުމެއްގެ ގޮތުގައި ކަމަށާއި، ޤައުމުގެ ހިންގުން، ޒަމާނީ އުޞޫލުތަކަކަށް ބަދަލުކޮށް، ތަރައްޤީއާއި ތަމައްދުން ހޯދުމުގެ ވަސީލަތެއްގެ ގޮތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމައެއާއެކު، ޤައުމުގެ ހިންގުމުގައި ސީދާ ރައްޔިތުންގެ ބައިވެރިވުން އޮންނަގޮތަށް، ރައްޔިތުންގެ ވޯޓަކުން އެގޮތަށް ކަނޑައަޅައިގެން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިދުވަސްތަކަކީ އަޅުގަނޑުމެންގެ ކާބަފައިންވީ ޤުރްބާނީއެކޭ އެއްފަދައިން، އަޅުގަނޑުމެންގެ ޤުރްބާނީއަށް މި ޤައުމު ބޭނުންވެފައިވާ ދުވަސްތަކެއް ކަމުގައިވެސް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ޤައުމުގެ ޙާލުގެ ދުލުން ގޮވަނީ، ހަމަޖެހުމާއި ޞުލްޙަމަސަލަސްކަން އިސްކުރުމަށެވެ. ޚިޔާލު ތަފާތުވުމުގެ ތެރެއިން އިޤްތިޞާދު ފުނޑުފުނޑުކޮށް ނުލުމަށެވެ. ސިޔާސީ ދެކޮޅުވުމުގެ ތެރެއިން އިޖްތިމާޢީ ފޭރާން ވީދާ އުކާނުލުމަށެވެ. އަމިއްލަ ރައްޔިތުންގެ ލެއިން މި ސާފު ވެލިގަނޑު ތެންމާނުލުމަށެވެ. ފެއްސާއި ރަތާއި ހުދުގެ މައްޗަށް، އެހެން ކުލަތައް އިސްނުކުރުމަށެވެ. އަދި މި ހަމަހިމޭން ގޮނޑުދޮށްތަކާއި، ފެހި ވިލުތަކުގެ ހިތްގައިމުކަން އަބަދުގެ އަބަދަށް ދެމެހެއްޓުމަށެވެ. މިކަންކަން ކުރުމުގައި، އިސްނެންގެވުމަކީ ރައީސުލްޖުމްހޫރިއްޔާގެވެސް ޒިންމާއެއް ކަމަށާއި، އެކަންކަން ކުރެއްވުމަށް އެމަނިކުފާނަށް އޮތް ޒިންމާ ފެށެނީ، ރައްޔިތުންނާ ހަމައިން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އޭގެ ސަބަބަކީ، މިއަދު ސްކޫލުން ނުކުމެގެންދާ ކޮންމެ ދަރިވަރަކީވެސް މާދަމާގެ ވެރިއަކަށްވުމުގެ ފުރްޞަތު އޮންނަންޖެހޭ ކުއްޖެއް ކަމަށް އެމަނިކުފާނު ގަބޫލު ކުރައްވާ ކުރެއްވުމެވެ. މިއަދުގެ ކުދި ވިޔަފާރިވެރިން، މުސްތަޤްބަލުގެ މަހުޖަނުންނަށްވުމުގެ ހުވަފެނުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާ ވަޑައިގަތުމެވެ. މިއަދުގެ އަންހެން ދަރިންނަކީ، ޤައުމުގެ މުސްތަޤްބަލުގެ ފުރިހަމަ ބައިވެރިން ކަމުގައި ވާންޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާ ދެކެވަޑައިގަތުމެވެ.