މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު މިއަހަރު 25 ބޭފުޅަކަށް ދެއްވުމަށް، ޚާއްޞަ އިނާމާބެހޭ ކޮމިޓީން ނިންމަވައިފިއެވެ. މިގޮތުން، މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދަވައިގެން، ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް މިއަހަރު ޙާޞިލު ކުރައްވަނީ 12 ބޭފުޅުންނެވެ. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެމަތީ ލެވެލްގެ ސަނަދެއް ޙާޞިލު ކުރައްވައިގެން، ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ޙާޞިލު ކުރައްވަނީ 13 ބޭފުޅުންނެވެ. މީގެއިތުރުން، ބައިނަލްއަޤްވާމީ މަޢުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ހޯއްދަވައިގެން، ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ޙާޞިލު ކުރަނީ އެންމެ ފަރާތަކުންނެވެ. މަސައްކަތްތެރިކަމާއި އުފެއްދުންތެރިކަމުގެ ރޮނގުން އާދަޔާ ޚިލާފު ކާމިޔާބީއެއް ޙާޞިލު ކުރުމުގެ ގިންތިން އެއްވެސް ފަރާތެއް މިއަހަރު ހޮވިފައެއް ނުވެއެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދެއްވާނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ނޮވެމްބަރ 11 ވާ އާދީއްތަ ދުވަހުގެރޭ ދަރުބާރުގޭގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.