ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވާނެއެވެ. މިޖަލްސާ އޮންނާނީ ނޮވެމްބަރު 11 ވާ އާދީއްތަ ދުވަހުގެރޭ 8.30 ގައި ދަރުބާރުގޭގައެވެ.

މި ޖަލްސާގައި، މިއަހަރު ޝަރަފުވެރި ކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުގެ އައްޑަނައާއި، ޝަރަފުގެ ބެޖާއި، ހަނދާނީ ލިޔުން ދެއްވުމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހަނދާނީ ފިލައާއި، ހަނދާނީ ލިޔުން ދެއްވުން އޮންނާނެއެވެ. އަދި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް މިއަހަރުން ފެށިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދެއްވުންވެސް އޮންނާނެއެވެ. ޚާއްޞަ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވަނީ، މެޑެއްޔަކާއި ހަނދާނީ ލިޔުމެކެވެ.

ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު މިއަހަރު އަރުވާނެ ބޭފުޅުން ކަނޑައެޅުއްވީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ. މިއަހަރު އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުން ހޮއްވެވުމުގައި ބެއްލެވި އުޞޫލުތަކާއި، އަހަންމިއްޔަތުކަން ދެއްވި ކަންތައްތަކާ ބެހޭގޮތުން މީޑިއާއަށް މަޢުލޫމާތު ދެއްވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން މާދަމާ ޕްރެސް ކޮންފަރެންސެއް ބާއްވަވާ ގޮތަށް ވަނީ ހަމަޖައްސަވާފައެވެ. މި ޕްރެސް ކޮންފަރެންސް އޮންނާނީ، މާދަމާ 1 ޖަހާއިރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުން ހޮއްވެވީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ޚާއްޞަ އިނާމާބެހޭ ކޮމިޓީންނެވެ. މިއަހަރު އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންނަށް އިނާމު ލިބިވަޑައިގަންނަވާ ގިންތިތަކާއި، އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންގެ ޢަދަދު، އެކޮމިޓީން ވަރަށް އަވަހަށް ހާމަކުރައްވާނެއެވެ.