ބަރަކާތްތެރި އަޟުޙާ ޢީދުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ތަހުނިޔާ ފޮނުއްވައިފިއެވެ. މިދަންނަވާލަނީ، މި މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ ޚިޠާބެވެ.

[ބަރަކާތްތެރި އަޟުޙާ ޢީދުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ތަހުނިޔާ ފޮނުވައި މުބާރަކްބާދީ މިދަންނަވަނީ، ވަރަށް އިޚްލާޞްތެރިކަމާއެކުގައެވެ. އަޅުގަނޑުގެ މި ތަހުނިޔާގައި، ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ރާއްޖެއިން މިއަހަރު ޙައްޖަށް ވަޑައިގެންނެވި ހުރިހާ ބޭފުޅުންވެސް ޝާމިލް ކުރަމެވެ. އަދި މުޅި އިސްލާމީ އުންމަތަށްވެސް، މި މުނާސަބަތުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެކެވެ.

އަޟުޙާޢީދު ދުވަހަކީ، މުސްލިމުންގެ މެދުގައި އޮންނަންވީ ހިތްހެޔޮކަމާއި އެކުވެރިކަމުގެ ޝުޢޫރުތައް ފާޅުކުރުމުގެ ދުވަހެވެ. ހަމައެއާއެކު، ޙައްޖަކީ އަޅުގަނޑުމެންގެ މެދުގައި އެއްބަނޑު އެއްބަފާކަމާއި، އަޚުވަންތަކަމުގެ ގުޅުން ޤާއިމްކޮށް ދެމެހެއްޓުމުގެ މުހިންމުކަން އަންގައިދޭ އަޅުކަމެއް ކަމަށްވީހިނދު، އަޅުގަނޑުމެންގެ މެދުގައި އޮންނަންވީ އެއްބަނޑުއެއްބަފާ ކަމާއި އެއްބައިވަންތަކަމަށް އިސްލާމްދީން ބާރުއަޅައި ގޮވާލާ މިންވަރު، ޙައްޖުގެ މަތިވެރި މަނާސިކުން އަޅުގަނޑުމެންނަށް އަންގައިދެއެވެ. އެހެންކަމުން، މި މުނާސަބަތަކީ، އެއްބައިވަންތަކަމުގެ ގުޅުންތައްވެސް ބަދަހިކޮށް ހަރުދަނާކޮށް، ޢާއިލާތަކުގެ މެދުގައި ގާތް ގުޅުމެއް އުފެއްދުމަށް މަސައްކަތް ކުރުމުގެ ޢަޒުމްވެސް ކަނޑައަޅަންވީ މުނާސަބަތެކެވެ.

މި ޢީދުގެ ބަރަކާތްތެރި ދުވަސްތަކަކީ ރާއްޖޭގެ ރައްޔިތުންނަށް ހިތްހަމަޖެހުމާއި އުފާވެރި ދުވަސްތަކެއް ކަމުގައި اللّـه سبحـانـه وتعـالى ލައްވާށިއެވެ. އަދި ރާއްޖެއަށް އަމަން އަމާންކަމާއި އުފާފާގަތިކަން ދެއްވައި، އެކުވެރި އެއްބަނޑުއެއްބަފާ ބައެއްގެ ގޮތުގައި އަޅުގަނޑުމެން ލަހައްޓަވާށިއެވެ. މިފަދަ އުފާވެރި މުނާސަބަތުތައް، ރާއްޖެއަށާއި އިސްލާމީ އުންމަތަށް ތަކުރާރު ކުރައްވާށިއެވެ."

އަޟުޙާ ޢީދުގެ މުނާސަބަތާ ގުޅިގެން، އިސްލާމީ ގައުމުތަކުގެ ވެރިންނަށާއި، ބައިނަލްއަޤްވާމީ އިސްލާމީ ޖަމާޢަތްތަކުގެ ވެރިންނަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ތަހުނިޔާ ފޮނުއްވާފައެވެ. އަދި އިސްލާމީ ޤައުމުތަކުގެ ވެރިންނާއި، ބައިނަލްއަޤްވާމީ އިސްލާމީ ޖަމާޢަތްތަކުގެ ވެރިންވެސް، މި މުނާސަބަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ތަހުނިޔާ ފޮނުއްވަމުން އެބަގެންދަވައެވެ.