މި އޮކްޓޯބަރު މަހުގެ 15 ވި ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 7 ވަނަ ޖަލްސާއިން ފާސްކުރެއްވި [ޤާނޫނު ނަންބަރު 2010/8 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. ތަޞްދީޤު ކުރެއްވުމާ ގުޅިގެން، މި ޤާނޫނު، ދިވެހި ސަރުކާރުގެ ގެޒެޓްގައި މިއަދު ޝާއިޢު ކުރައްވައިފިއެވެ.

މި ޤާނޫނަށް ގެންނެވި އިޞްލާޙުތަކުގެ ތެރޭގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލަށް، ނަފްސާނީ ބަލިތަކާބެހޭ ޞިއްޙީ ޚިދްމަތްތެރިންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރަކު އިންތިޚާބު ކުރެވޭ ގޮތަށް، މި ޤާނޫނުގެ 5 ވަނަ މާއްދާގެ (4) ވަނަ ނަންބަރު އިޞްލާޙު ކުރެއްވުން ހިމެނެއެވެ. ކުރިން މި ނަންބަރުގައި އޮތީ، ނަފްސާނީ ބަލިތަކާބެހޭ ޑޮކްޓަރުންގެ ތެރެއިން، އެމީހުން އިންތިޚާބުކުރާ މެންބަރަކު ކައުންސިލަށް އިންތިޚާބު ކުރާ ގޮތަށެވެ.

މީގެއިތުރުން، މި ޤާނޫނުގެ 35 ވަނަ މާއްދާގެ (ހ) ގައި ހުރި ލަފްޒުތަކާއި ޢިބާރާތްތަކުގެ މާނަކުރުމުގެ ފަހަތަށް، މިދަންނަވާ ޢިބާރާތުގެ މާނަ ވަނީ އިތުރުކުރައްވާފައެވެ.

[ނަފްސާނީ ބަލިތަކާބެހޭ ޞިއްޙީ ޚިދްމަތްތެރިން] ކަމުގައި ބުނެފައި އެވަނީ، ނަފްސާނީ ބަލިތަކަށް ފަރުވާދިނުމާއި، އެފަދަ ބަލިމީހުންނަށް ޞިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމާއި، އެފަދަ ބަލިތަކުން ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޑޮކްޓަރުންނާއި، ސައިކިއެޓްރިސްޓުންނާއި، ސައިކޮލޮޖިސްޓުންނާއި، ކައުންސެލަރުންނާއި، އެ ފަންނުގެ ޞިއްޙީ އެހީތެރިންނެވެ.