ރައީސުލްޖުމްހޫރިއްޔާ، މަތީ ތަޢުލީމާބެހޭ މަޖިލިސް އަލުން އެކުލަވައިލައްވައިފިއެވެ. އަލުން އެކުލަވައިލެއްވި މަތީ ތަޢުލީމާބެހޭ މަޖިލިހުގެ ރައީސަކަށް ހަމަޖައްސަވާފައިވަނީ، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާޞިމް އަޙްމަދެވެ. މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، ހެލްތް ދާއިރާއިން މިނިސްޓަރ އޮފް ހެލްތް ޑޮކްޓަރ އަޙްމަދު ޖަމްޝީދު މުޙަންމަދާއި، ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ދާއިރާއިން މިނިސްޓަރ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސް އަލްފާޟިލް މުޙަންމަދު ޙުސައިން ޝަރީފާއި، ފިނޭންސް އެންޑް ޓްރެޜަރީ ދާއިރާއިން މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަލްފާޟިލް ޢަބްދުﷲ ޖިހާދާއި، އިކޮނޮމިކް ޑިވެލޮޕްމަންޓް ދާއިރާއިން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްފާޟިލް އަޙްމަދު މުޙަންމަދާއި، ފިޝަރީޒް އެންޑް އެގްރިކަލްޗަރ ދާއިރާއިން މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އަލްފާޟިލް އަޙްމަދު ޝަފީޢާއި، އެންވަޔަރަންމަންޓް ދާއިރާއިން މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޑޮކްޓަރ މަރްޔަމް ޝަކީލާއެވެ.

މިބޭފުޅުންގެ އިތުރުން، ސަރުކާރުގެ މަތީ ތަޢުލީމްދޭ ފަރާތްތަކުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑޮކްޓަރ މުޙަންމަދު ޒާހިރު ޙުސައިނާއި، ހަޔަރ އެޑިޔުކޭޝަން ދާއިރާއިން މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން އަލްފާޟިލާ އާމިނަތު ޢަލީ އާއި، ފަންނީ/އެކަޑަމިކް ދާއިރާއިން ހަމަޖެއްސެވި ތިން ބޭފުޅުން ކަމަށްވާ ޑޮކްޓަރ އިބްރާހީމް ޙަސަނާއި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އައްޝައިޚް މުޙަންމަދު ޝަހީމް ޢަލީ ސަޢީދާއި، އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ ކޮންސަލްޓަންޓް އިން ގައިނަކޮލޮޖީ ޑޮކްޓަރ ޖުމައިލަތު ބޭގަމް، މި މަޖިލީހުގައި ހިމެނިވަޑައިގަންނަވައެވެ. މަތީ ތަޢުލީމުދޭ އަމިއްލަ ފަރާތްތަކުގެ ދާއިރާއިން ހިމެނިވަޑައިގަންނަވަނީ ވިލާ ކޮލެޖްގެ ރެކްޓަރ ޑޮކްޓަރ އަޙްމަދު އަންވަރެވެ. މަތީ ތަޢުލީމާބެހޭ ޤައުމީ މަޖިލިސް ބަލަހައްޓާ އިދާރާއިން މި މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ، ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ފާޠިމަތު ޢާމިރާއެވެ.