ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ޗައިނާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، މިއަދު ހަވީރުގެ ވަގުތެއްގައި ޗައިނާގެ ޝަންހާއީގެ ބައެއް ވިޔަފާރިވެރިންނާ ބައްދަލުކުރައްވައިފިއެވެ.

ދިވެހިރާއްޖޭގައި އިންވެސްޓު ކުރުމުގެ ޝައުޤުވެރިކަން ފާޅުކޮށްފައިވާ މަޝްހޫރު 13 ކުންފުންޏެއްގެ ޗެއަރމަނުންނާއި ސީ.އީ.އޯ ފެންވަރުގައި ބޭއްވުނު މިބައްދަލުކުރެއްވުން އޮތީ، ރައީސުލްޖުމްހޫރިއްޔާ ހުންނަވާ ޝަންހާއީ ސްޓޭޓް ގެސްޓްހައުސްގައެވެ.

މިބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖޭގައި އިންވެސްޓް ކުރުމުގެ ފުރުސަތު ހުރި ދާއިރާތަކާބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ފަތުރުވެރިކަމުގައި ޗައިނާގެ ފަތުރުވެރިންނަށް ޚާއްޞަކޮށް ޕްރޮޕަޓީއެއް ތަރައްޤީކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި ދިވެހިރާއްޖެއަކީ، އިންވެސްޓް ކުރުމަށް ވަރަށް ބޮޑަށް ހުޅުވާލެވިފައިވާ ޤައުމެއްކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި އިންވެސްޓަރުންގެ ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާ ފުރުސަތު ދެއްވިއެވެ. މި ބައްދަލުވުން ދެގަޑިއިރަށް ދެމިގެންގޮސްފައިވެއެވެ.

މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ޓޫރިޒަމް މިނިސްޓަރ އަޙްމަދު އަދީބު ޢަބްދުލްޣަފޫރާއި، ފޮރިން މިނިސްޓަރ ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ.