ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދާއި އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ އިލްހާމް ޙުސައިން، ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ޝަރަފުގައި ޝަންހާއީ ސިޓީގެ މޭޔަރ މިސްޓަރ ހަން ޒެން، މެންދުރުގެ ފަރިއްކޮޅެއް މިއަދު ދެއްވައިފިއެވެ. މި ފަރިއްކޮޅު އޮތީ ޝަންހާއީގެ މޭޔަރުގެ ރަސްމީ އޮފީހުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ޝަރަފުގައި ޝަންހާއީ ސިޓީގެ މޭޔަރ މރ. ހަން ޒެން ދެއްވި ފަރިއްކޮޅުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، އެމަނިކުފާނު ޝަންހާއީ އަރބަން ޕްލޭނިންގ އެގްޒިބިޝަން ބައްލަވާލެއްވުމުން، ޝަންހާއީއާއި މާލޭ ސިޓީއާ ތޮއްޖެހުމުގައި ވަރަށް އެއްގޮތްކަން ފާހަގަކުރެވޭ ކަމުގައި ވިދާޅުވެފައެވެ. ނަމަވެސް ޝަންހާއީ ސިޓީއާ އަޅާބަލާއިރު މާލޭ ސިޓީއަކީ، ވަރަށް ކުޑަ ތަނެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުގައި، ޝަންހާއީގެ ތަރައްޤީގެ ދަތުރުން ޙާޞިލު ކުރެވިފައިވާ ފިލާވަޅުތަކުގައި، ދިވެހިރާއްޖެއަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލަ ޙައްލުކުރުމަށް ވަރަށް އެދެވޭ ގިނަ ތަޖުރިބާތަކެއްވާކަން ފާހަގަކުރެއްވިއެވެ. އަދި މިކަމުގައި މޭޔަރުގެ އެއްބާރުލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ޝަންހާއީ ސިޓީގެ މޭޔަރުގެ ވާހަކަފުޅުގައި ރާއްޖޭގެ ތޮއްޖެހުމުގެ މައްސަލަ ޙައްލުކުރުމުގައި ވެދެއްވެން އޮތް އެންމެ މަތީ ދަރަޖައަކަށް އެހީތެރިވެދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

ރައީސުލް ޖުމްހޫރިއްޔާގެ ދެކަނބަލުންގެ ޝަރަފުގައި ޝަންހާއީ ސިޓީގެ މޭޔަރ މިސްޓަރ ހަން ޒެން ބޭއްވެވި މެންދުރުގެ ފަރިއްކޮޅުގައި، ޓޫރިޒަމް މިނިސްޓަރ އަޙްމަދު އަދީބު ޢަބްދުލްޣަފޫރާއި، ފޮރިން މިނިސްޓަރ ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ.