މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހަޅުއްވަން ބޭނުންފުޅުވާ ބޭފުޅުންނަށް މި އިނާމާބެހޭ އިތުރު މަޢުލޫމާތު ދެއްވުމަށް ބައްދަލުވުމެއް ބާއްވަވާ ގޮތަށް ޚާއްޞަ އިނާމާބެހޭ ކޮމިޓީން ހަމަޖައްސަވައިފިއެވެ. މި ބައްދަލުވުން އޮންނާނީ މިމަހުގެ 10 ވާ ހޯމަ ދުވަހުއެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ބޭފުޅުން، މިމަހުގެ 9 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 3.00ގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނަން ނޯޓް ކުރެއްވުމުގެ ފުރުޞަތުވަނީ ހުޅުއްވާލައްވާފައެވެ. ނަން ނޯޓް ކުރެއްވުމަށް ގުޅުއްވަންޖެހެނީ، އެ އޮފީހުގެ ނަންބަރު: 3336262 ނުވަތަ 3336206 ނަންބަރު ފޯނަށެވެ.

ބައްދަލުވުން އޮންނާނެ ތަނަކާއި ގަޑި، ނަން ނޯޓްކުރައްވާ ބޭފުޅުންނަށް، އެ ކޮމިޓީން ފަހުން އަންގަވާ ގޮތަށްވަނީ ހަމަޖައްސަވާފައެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދެއްވުމުގެ މަޤްޞަދަކީ، ރާއްޖެއަށް ރީތި ނަން ހޯދައިދޭ ފަރާތްތަކުގެ ކާމިޔާބީއާއި، ހިތްވަރާއި ހުނަރުން މަތީ ވަނަތައް ހޯދާ ފަރާތްތަކުގެ ކާމިޔާބީ އިޙްތިފާލު ކުރުމާއި، މިފަދަ ކާމިޔާބީތައް ހޯދުމަށް ހިތްވަރު ދިނުމާއި، ރާއްޖެއަށް ބޭނުންވާ ދާއިރާތަކަށް ދިވެހިންގެ އުފެއްދުންތެރިކަމާއި މަސައްކަތްތެރިކަން މިޞްރާބު ކުރުމެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިނާމު ދެއްވުމަށް ހަމަޖެހިފައިވަނީ، މިދަންނަވާ ކަންކަމަށެވެ.

1. މަތީ ތަޢުލީމާއި ތަމްރީނު ކޯހަކުން އެންމެމަތީ ވަނަ ހޯދުން.
ފުރިހަމަކޮށްފައިވާ ކޯހަކީ، ޤައުމީ ސަނަދުތަކުގެ ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ލެވެލެއްގެ ސަނަދެއް ދީފައިވާ ކޯހަކަށްވުން. އޯޑިނަރީ ބެޗްލަރޒް ޑިގްރީއަކީ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7ގެ ސަނަދެކެވެ.
2. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެ މަތީ ލެވެލްގެ ސަނަދެއް ޙާޞިލް ކުރުން.
މި ސަނަދުތަކުގެ ތެރޭގައި ހިމެނެނީ، ޑޮކްޓަރ އޮފް ފިލޯސަފީއާއި، ޕްރޮފެޝަނަލް ޑޮކްޓަރޭޓާ، މިފެންވަރުގެ ސަނަދުތަކެވެ. މި އިނާމު ދިނުމަށް ހަމަޖެހިފައިވަނީ، ސަނަދު ޙާޞިލު ކުރުމަށްފަހު، ދިވެހިރާއްޖެއަށް ޚިދްމަތްކުރާ ދިވެހިންނަށެވެ.
3. ބައިނަލްއަޤްވާމީ މަޢުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފް ހޯދުން.
4. މަސައްކަތްތެރިކަމާއި އުފެއްދުންތެރިކަމުގެ ރޮނގުން އާދަޔާ ޚިލާފު ކާމިޔާބީއެއް ޙާޞިލް ކުރުން.
5. ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދުން.

މި އިނާމު ދިނުމަށް ހަމަޖެހިފައިވަނީ، ސަރުކާރުން ކަނޑައަޅާ ދާއިރާއަކުން ސަރުކާރުން ގަބޫލުކުރާ ފެންވަރަކަށް މަސައްކަތެއްކުރާ ނުވަތަ އެއްޗެއް އުފައްދާ ފަރާތްތަކަށެވެ. މިއިނާމުދޭން ކަނޑައެޅޭ މަސައްކަތްތެރިކަމާއި އުފެއްދުންތެރިކަމުގެ ދާއިރާތަކާއި، އިނާމުދެވޭ ފެންވަރު، ކޮންމެ އަހަރަކު އިޢުލާނު ކުރެވޭނެއެވެ. މި އިނާމުދޭނީ 2013 ވަނަ އަހަރުން ފެށިގެންނެވެ. މިގޮތުން، ކުރިއަށް އޮންނަ އަހަރު އިނާމު ދެވޭ ދާއިރާ ނުވަތަ ރޮނގު އިޢުލާނު ކުރާނީ، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދެއްވާ ޖަލްސާގައެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދެއްވުމަށް ހަމަޖެހިފައިވަނީ، މިދެންނެވި ކާމިޔާބީތައް 2007 ވަނަ އަހަރު ނުވަތަ އޭގެފަހުން ޙާޞިލްކޮށްފައިވާ އަދި އެކަމަކަށް ސަރުކާރުން ދެއްވާ ޚާއްޞަ އިނާމު، ކުރިން ލިބިފައިނުވާ ފަރާތްތަކަށެވެ. އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ މެޑެއްޔަކާއި ހަނދާނީ ލިޔުމެކެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމަށް ނަން ހުށަހަޅުއްވާ ފޯމްތައް ފޮނުއްވަންޖެހެނީ، [ޚާއްޞަ އިނާމާބެހޭ ކޮމިޓީ] އަށް އެޑްރެސް ކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. މިގޮތުން، ހުށަހަޅުއްވާ ފޯމްތައް ހުށަހެޅުއްވުމުގެ ފުރްޞަތު، މި ސެޕްޓެމްބަރު މަހުގެ 20ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3.00ގެ ނިޔަލަށް ވަނީ ހުޅުއްވާލައްވާފައެވެ.

އިނާމަށް ނަން ހުށަހަޅާ ފޯމް، ރަސްމީ ގަޑީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދޫކުރައްވާނެއެވެ. އަދި އެ އޮފީހުގެ ވެބްސައިޓުންވެސް ޑައުންލޯޑް ކުރެއްވޭނެއެވެ. ވެބްސައިޓް އެޑްރެހަކީ www.presidencymaldives.gov.mv އެވެ.