ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ޗައިނާ-ޔުރޭޝިއާ އެކްސްޕޯ އަދި ޗައިނާ-ޔުރޭޝިއާ އިކޮނޮމީ ޑިވެލޮޕްމަންޓް އެންޑް ކޯޕަރޭޝަން ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް، ޗައިނާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި، މިރޭ ފުރާވަޑައިގެންފިއެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ އިލްހާމް ޙުސައިންވެސް ބައިވެރިވެވަޑައިގަންނަވައެވެ.

މިދަތުރުފުޅުގައި، ޗައިނާ-ޔުރޭޝިއާ އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވާ ގޮތަށްވަނީ ހަމަޖެހިފައެވެ. އަދި ޗައިނާގެ ޕްރީމިއަރ ވެންޖިއާބައޯއާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ފުރާވަޑައިގަތުމުގެ ކުރިން، އިބްރާހީމް ނާޞިރް އިންޓަރނޭޝަނަލް އެއާރޕޯޓްގައި ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން، މިދަތުރުފުޅުގެ އެންމެބޮޑު ބޭނުންފުޅަކީ، ޗައިނާގެ އިސްވެރިންނާ ބައްދަލުކުރައްވައި، ރާއްޖޭގެ އިޤްތިޞާދަށް ބޭނުންވެފައިވާ ބައެއް ކަންކަން ފަހިކުރުމަށްޓަކައި މަސައްކަތް ކުރެއްވުން ކަމުގައި ވިދާޅުވިއެވެ. މިގޮތުން ރާއްޖެއަށް މިހާރަށްވުރެވެސް ގިނައިން ޗައިނާއިން ފަތުރުވެރިން ގެނައުމަށްޓަކައި ކުރައްވަންޖެހޭ މަސައްކަތްތައް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

150 މިލިއަން ޑޮލަރުގެ ލޯނުގެ އެއްބަސްވުމުގައި ޗައިނާގެ އެގްޒިމް ބޭންކާއެކު ސޮއިކުރުމާއި، ޗައިނާއިން ދޭ ހިލޭ އެހީގެ އެއްބަސްވުމުގައި ސޮއިކުރުންވެސް އެބައޮތް ކަމުގައި ވިދާޅުވެ، މިދަތުރުފުޅަކީ ވަރަށް ފައިދާކުރަނިވި ދަތުރުފުޅެއް ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެއިތުރުންވެސް، ރާއްޖެއަށް ޗައިނާގެ އެހެން އެހީތައް ހޯދުމުގެ މަސައްކަތް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.