ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އުފެދޭ ކަހަލަ ކަންކަމަށާއި، ޚާއްޞަކޮށް ޤައުމު ކުރިއަށް ގެންގޮސް ތަރައްޤީކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމަށް ސަމާލުކަން ދެއްވައިގެން ރާއްޖޭގެ މީޑިއާތަކުން ވަރަށް މުހިންމު މަސައްކަތްތަކެއް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު އެދިވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގަތީ، ދި ޓީވީ އިން މިރޭގެ 8 ގެ ޚަބަރަށްފަހު ފޮނުވި ޚާއްޞަ އިންޓަރވިޔުއެއްގައި މި ދަނޑިވަޅުގައި ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އުފެއްދުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ މައްޗަށް ބައްލަވާލައްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އިންޓަރވިޔުގައި، ޙަޤީޤަތަކީ އެކި މީހުން އެކި ގޮތަށް ދެކޭ އެއްޗެއް ކަމަށާއި، ބައެއް ފަހަރު ކަނޑއެޅިގެން ދިމާއަށް ފެންނަ ހުންނަ ޙަޤީޤަތް ގަބޫލުނުކުރެވޭ ފަހަރުވެސް އަންނަ ކަމަށް ވިދާޅުވިއެވެ. އެހެންވީމާ، ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފު ކަންތައްތައްވެސް އެއީ ހަމަ ހިތުގެ އަޑިން ޙަޤީޤަތް ކަމަށް ގަބޫލުކުރައްވައިގެން ތިއްބެވި ބޭފުޅުންވެސް ތިއްބަވާފާނެ ކަމަށާއި، ޙަޤީޤަތުގައި އެއީ، ވަރަށް އުނދަގޫ މައްސަލައަކަށްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، 7 ފެބްރުއަރީގައި ވެރިކަން ބަދަލުވެގެން ދިޔަ ގޮތުގެ ޙަޤީޤަތް ހޯއްދެވުމަށްޓަކައި އިންކްއަރީ ކޮމިޝަން އުފައްދަވައި އެ ކަމާ ގުޅިގެން ކަންކަން ހިނގައިދިޔަ ގޮތުގެ މައްޗަށް ވަރަށް ތަފްޞީލުކޮށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ.

ކޮމިޝަންގެ ރިޕޯޓު ލިބިވަޑައިގަތުމުން، ކުރެއްވުނީ ކޮންކަހަލަ އިޙްސާސްތަކެއްތޯ ދެންނެވުމުން، ވަރަށްބޮޑު އުފާފުޅެއް ލިބިވަޑައިގެންނެވި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ހިންގުނީ ދިވެހިރާއްޖޭގައި އަދި މިހާތަނަށް ނުހިންގާވަރުގެ އިންކުއަރީއެއް ކަމަށާއި މި ކުރެވުނީ ދުނިޔޭގެ އެހެން ތަންތާނގައިވެސް ނުކުރެވޭ ވަރުގެ ކަމަކަށްވާތީ އެއީވެސް، ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފާފުޅެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

2013 ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނަންތޯ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމުން، މިޤައުމުގެ ލީޑަރޝިޕަށް ކުރެއްވެންހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވަން ތައްޔާރަށް ހުންނެވި ކަމަށާއި، މިޤައުމަށް އެންމެ ރަނގަޅު ގޮތެއް ޚިޔާރުކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.